ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެން.އައި.އީ) - މިނިސްޓްރީ އޮފް އެޑިއުކޭޝަން އަދި ސޮނެވާ ނަމުނާ ގުޅިގެން، ބ. އަތޮޅާއި ނ. އަތޮޅުގެ 15 ސްކޫލަކުން 42 މުދައްރިސުންނަށް، ދެ ދުވަހުގެ 'ފެހި މަދަރުސާ' ޓްރެއިނިންގް އޮފް ޓްރެއިނަރސް (ޓީ.އޯ.ޓީ) ވޯކްޝޮޕެއް ބާއްވައިފިއެވެ. މި ވޯކްޝޮޕް ކުރިއަށް ގެންދިޔައީ އޭޕްރިލް މަހުގެ 20 އާއި 21 އަށް، ބ. ދަރަވަންދޫގައެވެ.
މި ވޯކްޝޮޕްގެ މައިގަނޑު މަޤްޞަދަކީ، ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށީގެ ކަންކަން ކުރިއަށްގެންދިއުމަށް ތައްޔާރްޔާރުކުރެވިފައިވާ ފެހި މަދަރުސާ އޮނިގަނޑު ތަންފީޒުކުރުމަށް ބޭނުންވާ މަޢުލޫމާތާއި ހުނަރު ފޯރުކޮށްދިނުމެވެ.
މި ވޯކްޝޮޕްގެ ތެރެއިން ފެހި މަދަރުސާ އޮނިގަނޑާއި އަލަށް ގުޅުނު 15 ސްކޫލާއެކު، ޖުމްލަ 62 ސްކޫލަކުންވަނީ ފެހި މަދަރުސާ ޕްރޮގްރާމްގައި ބައިވެރިވެފައެވެ. މި ބުރުގައި ފެހި މަދަރުސާ ޕްރޮގްރާމާއި އަލަށް ގުޅުނު ސްކޫލްތަކުގެ ތެރޭގައި ބ. ގޮއިދޫ، ބ. ފެހެންދޫ، ބ. ހިތާދޫ، ބ. ތުޅާދޫ، ބ. އޭދަފުށި، ބ. މާޅޮސް، ބ. ދަރަވަންދޫ، ބ. ދޮންފަނު، ބ. ކިހާދޫ، ބ. ކަމަދޫ، ބ. ކުޑަރިކިލު، ބ. ކެންދޫ، ނ. މަގޫދޫ، ނ. ޅޮހި، އަދި ނ. ކުޑަފަރީގެ ހިމެނެއެވެ.
ވޯކްޝޮޕްގެ ތެރެއިން، ތިމާވެށި ރައްކާތެރިކުރުމުގެ ޢަމަލީ މަސައްކަތްތައް ރޭވުމާއި، ތިމާވެށީގެ ހޭލުންތެރިކަން އިތުރުކުރުމާއި، މުޖުތަމަޢުގެ ބައިވެރިވުން ހޯދުމަށް ގެންގުޅެވޭނެ އުކުޅުތައް އަށަގެންނެވުމަށް އަމާޒުކޮށްގެން ސެޝަންތައް ކުރިއަށް ގެންދެވުނެވެ. އަދި ބައިވެރިވި މުދައްރިސުން މަސައްކަތްކުރައްވާ ސްކޫލްތަކުގެ ޙާލަތާ ގުޅޭގޮތަށް ޕްރޮގްރާމް ކުރިއަށް ގެންދާނެ ގޮތުގެ މަޝްވަރާތައްވެސް ކުރެވުނެވެ.
މި ވޯކްޝޮޕްއަކީ ވޯލްޑް ބޭންކުގެ އެހީއާއެކު ކުރިއަށްގެންދާ އެޓޯލް އެޑިޔުކޭޝަން ޑެވްލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ކުރިއަށް ގެންދެވުނު ވޯކްޝޮޕްއެކެވެ.