އއ. ރަސްދޫ، އއ. އަތޮޅު ތައުލީމީ މަރުކަޒުގައި ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމުގެ ގޮތުން މަލްޓިޕަރޕަސް ހޯލަކާއި ޢުމްރާނީ ވަޞީލަތްތައް ތަރައްޤީ ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާ ޙަވާލުކޮށްފި އެވެ.
މި މަޝްރޫޢުގައި ސޮއިކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ރަސްދޫ ގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައެވެ. ސަރުކާރުގެ ފަރާތުން މި މަޝްރޫޢުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. އިސްމާޢީލް ޝަފީޢު އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ ރިޓަޔަރޑް އަޙްމަދު ސަޢުދީ އެވެ.
މިއީ ރަސްދޫއަށް މުހިންމު މަޝްރޫޢުއެއް ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މި މަޝްރޫޢުގެ ތެރޭގައި، ސްކިލް ލެބާއި ކޮމްޕިއުޓަރ ލެބްގެ އިތުރުން ޕްރޭޔަރ ރޫމް އަދި ލައިބްރަރީ ހިމެނިގެންދާނެ ކަމަށެވެ. އަދި މި ވަޞީލަތްތައް ސްކޫލަށް އިތުރުވެގެންދާއިރު މަލްޓިޕަރޕަސް ހޯލަކާއި ސްކޫލަށް އިތުރު ޖާގަ އިތުރުވެގެންދާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.