"ސްކިލްސް ފޮރ ބިލްޑިންގ އިމޯޝަނަލް ސްޓްރެންތު" ގެ ނަމުގައި ސްކޫލް ކައުންސެލަރުންނަށް ޚާއްޞަ ވޯކްޝޮޕެއް ބާއްވައިފި

08 ސެޕްޓެމްބަރު 2025
...

"ސްކިލްސް ފޮރ ބިލްޑިންގ އިމޯޝަނަލް ސްޓްރެންތު" ގެ ނަމުގައި ސްކޫލުތަކުގެ ކައުންސެލަރުންނަށް ޚާއްޞަ ވޯކްޝޮޕެއް ކުރިއަށްގެންގޮސްފިއެވެ.

ތާޖުއްދީން ސްކޫލުގައި ކުރިއަށްގެންދިޔަ މި ވޯކްޝޮޕް އިންތިޒާމުކޮށްފައިވަނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި, ނޭޝަނަލް ސެންޓަރ ފޮރ މެންޓަލް ހެލްތް (އެންސީއެމްއެޗް) އަދި ޔުނިސެފް މޯލްޑިވްސް ގުޅިގެންނެވެ. އަދި މި ވޯކްޝޮޕްގެ ސެޝަންތައް ނަންގަވައިދެއްވީ އެންސީއެމްއެޗްގެ ފަރާތުން, ދާއިރާގެ މާހިރުންނެވެ.

މި ވޯކްޝޮޕްގެ މަޤްޞަދަކީ ސްކޫލް ދަރިވަރުންނަށް އުނދަގޫ އިހްސާސްތަކާ ކުރިމަތިލުމަށާއި، ތަޢުލީމީ މާޙައުލުގައި އެކުދިންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް އެހީތެރިވެދިނުމަށްޓަކައި ކައުންސެލަރުންގެ ހުނަރު އިތުރުކުރުމެވެ. އެގޮތުން, މި ވޯކްޝޮޕްގެ ބައިވެރިންވަނީ ބަޔޯ-ސޯޝަލް މޮޑެލް ދިރާސާކޮށް، އިހްސާސްތައް ދެނެގަތުމާއި، އިހްސާސްތައް ކޮންޓްރޯލްކުރުމުގެ ހުނަރުތަކާއި، ނަފްސާނީ ގޮތުން އުނދަގޫވާ ޙާލަތްތަކާ ކުރިމަތިލުމަށް ބޭނުންކުރެވިދާނެ ސްޓްރެޓެޖީތައް ދެނެގަތުމާ ގުޅޭ އެކި ޙަރަކާތްތަކުގައި ބައިވެރިވެފައެވެ. އަދި މި ހުނަރުތައް ކްލާސްރޫމްތަކުގައި ބޭނުންކުރެވޭނެ އެކި ގޮތްތަކަށް ކައުންސެލަރުން ވަނީ ތަމްރީނު ކުރެވިފައެވެ.

މި ވޯކްޝޮޕްގައި މާލޭ ސަރަޙައްދުގެ އެކި ސްކޫލުތަކުން ޖުމްލަ 25 ކައުންސެލަރުން ބައިވެރިވިއެވެ.