ކުމުންދޫ ސްކޫލުގައި މަލްޓިޕަރޕަސް ހޯލެއް ތަރައްޤީ ކުރުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނާ ޙަވާލުކޮށްފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހދ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ކުމުންދޫ ގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ކުމުންދޫ ސްކޫލުގެ މަލްޓިޕަރޕަސް ހޯލު އެޅުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ހުސައިން ސަޢީދު މުހައްމަދެވެ. އަދި ފަހި ދިރިއުޅުން ކޯޕަރޭޝަން ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ރައްޒާން އެވެ.
ކުމުންދޫ ސްކޫލްގެ މަލްޓިޕަރޕަސް ހޯލުގެ މަޝްރޫޢާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެކަމުގެ އަމަލީ މަސައްކަތް ދެތިން މަސްދުވަހުގެ ތެރޭގައި ފެށޭނެކަމަށެވެ. އަދި ހޯލުގެ މަސައްކަތާއި އެކު ސްކޫލަށް ބޭނުންވާ އެހެނިހެން ޖާގައާއި ވަސީލަތްތައް އިތުރުކުރެވިގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.