ދަރިވަރުން
294 +މުދައްރިސުން
55 +އިދާރީ މުވައްޒަފުން
ދިއްގަރު ސުކޫލްގެ ތަޢުލީމީ ޙަޔާތް ފެށިފައިވަނީ އަލްމަރުޙޫމް ސުމުއްވުލްއަމީރު މުޙައްމަދު އަމީނު ދޮށިމޭނާ ކިލެގެފާނުގެ ބޮޑުވަޒީރު ކަމުގައި ރަށްރަށުގައި ކިޔަވައި ދިނުމަށް ސަރުކާރުން އެންގެވި އެންގެވުމާއި ގުޅިގެން، ހިޖުރައިން 1365ވަނަ އަހަރު ނުވަތަ 1364ވަނަ އަހަރުއެވެ. އޭގެ ފަހުން 1947ވަނަ އަހަރު ދިއްގަރު މަކުތަބުގެ ނަމުގައި މަކުތަބެއް އުފައްދައި ކިޔަވައިދިނުން އިތުރަށް ހަރުދަނާ ކުރެވުނެވެ. މިމަކުތަބު މާބޮޑަށް ބާވުމާއި ގުޅިގެން ދެން ކިޔެވުން ބަދަލު ކުރެއްވީ ކުރީގެ ރަށު އޮފީސް ފެންޑާއަށެވެ. މިތަނުގައި އޮފީހުގެ މަސައްކަތްތައް ހިނގާއިރު ކިޔަވައިދިނުމަށް ދަތިވެގެން މަކުތަބުލް ހިދާޔަތުގެ ނަމުގައި މަކުތަބެއް އުފައްދައި އަމިއްލަ ފަރާތެއްގެ ގޯތީގައި ކިޔަވައިދޭން ފެށިއެވެ. މީލާދީ ގޮތުން 1970ވަނަ އަހަރު މަކުތަބުއްސަލާމްގެ ނަމުގައި މަކުތަބެއް ރަޖިސްޓްރީކޮށް އެހެން ގެއެއްގެ ގޯއްޗަށް ކިޔަވައިދިނުން ބަދަލުކުރެވުނެވެ. ޒަމާނާއި އެއްގޮތަށް ގްރޭޑްތަކަށް ކިޔަވައިދިނުމަށްޓަކައި ރަށު އޮފީހުގެ ގޯތިތެރޭގައި އޮތް ހުސްޖާގައިގައި 682 އަކަ ފޫޓްގެ ޢިމާރާތެއްގެ ބިންގާ އެޅި ދިއްގަރު ސުކޫލްގެ ނަމުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއިއެކު، 3 ފެބްރުއަރީ 1981ގައި ޢިމާރާތް ކުރެވުނެވެ. ހަމަ މިއަހަރު ތެރޭގައި ދިއްގަރު ސުކޫލްގެ ނަމުގައި މިސުކޫލް ރަޖިސްޓްރީ ކުރެވި 22 ފެބްރުއަރީ 1982ގައި ހުޅުވި ގްރޭޑް 1ގައި ފުރަތަމަ ފަހަރަށް ކިޔަވައިދޭން ފެށުނެވެ. ސަރުކާރު ސުކޫލަކަށް މި ސްކޫލް ބަދަލުވެފައިވަނީ 2006ވަނަ އަހަރުގެ އޯގަސްޓު މަހުގެ 1 ވަނަ ދުވަހުއެވެ.އަދި މިސުކޫލްގައި 2000ވަނަ އަހަރު ސާނަވީ ތަޢުލީމަށް ކިޔަވައިދޭން ފެށުނެވެ. އަދި 2009ވަނަ އަހަރު 19 ދަރިވަރުންނާއިއެކު މ. އަތޮޅުގައި އެންމެ ފުރަތަމަ އޭލެވެލް އުފެއްދި ސުކޫލްގެ ގޮތުގައި ދިއްގަރު ސުކޫލް ވެގެންދިޔައެވެ.
ދިއްގަރު ސްކޫލުގެ ތަސައްވުރަކީ ޤައުމު ބިނާ ކުރުމަށް ތައްޔާރަށްތިބި، ޒިންމާދާރު، ހުނަރުވެރި، ތަޤުވާވެރި ދަރިންތަކެއް އުފެއްދުމެވެ.
ދިއްގަރު ސްކޫލްގެ އަމާޒަކީ ގޮންޖެހުންތަކަށް ކުރިމަތިލެވޭފަދަ ދުޅަހެޔޮ ދަރިންތަކެއް އުފެއްދުމާއި، ކޮންމެ ކުއްޖަކީވެސް އުނގެނުމަށް މަގުފަހި ކޮށްދޭ، ތޫނުފިލި، ޢިލްމަށް ލޯބިކުރާ، އިސްލާމްދީނުގެ އަސާސްތަކަށް ބޯލަނބާ އޯގާތެރި މުޖުތަމަޢެއް ބިނާކުރުމެވެ.