Hithadhoo School logo

ސ. އަތޮޅު

ހިތަދޫ ސްކޫލް

އުފެދުނީ: 13 ނޮވެމްބަރު 1974

map

ދަރިވަރުން

961 +

މުދައްރިސުން

89 +

އިދާރީ މުވައްޒަފުން

41 +
މި ވެބްޕޭޖުގައިވާ މަޢުލޫމާތަކީ ސްކޫލް އިން މިނިސްޓްރީ އަށް ފޯރުކޮއްދީފައިވާ މަޢުލޫމާތެވެ.

ސްކޫލް ތަޢާރަފު

ހިތަދޫސްކޫލުގެ އަޞްލަކީ، 1972 ވަނަ އަހަރުގެ ތެރޭގައި، ސ.ހިތަދޫ ފެހިވިލާގެ އަލްފާޟިލް އަޙުމަދު ޞާލިހް އަލިދީދީ އަތޮޅުވެރިއަކަށް ހުންނެވި ދުވަސްވަރު، އޭނާގެ އިސްނެންގެވުމަކާ ގުޅިގެން، އަތޮޅުކޮމިޓީއިން ވުޖޫދަށް ގެންނެވި އިންގިލިޝްމީޑިއަމް ސެކަންޑްރީ ސްކޫލެއްކަމުގައިވާ' އައްޑޫ އިންގިލިޝް ސްކޫލް އެވެ. ސްކޫލުގައި ކިޔަވައިދިނުން ފެށިފައިވަނީ، 13 ނޮވެމްބަރ 1974 ގައި ކަމަށްވިއަސް، ރަސްމީގޮތުން ސްކޫލު ހުޅުވުނީ، 1974 ވަނަ އަހަރުގެ ޑިސެމްބަރުމަހު 18 ވަނަ ދުވަހުއެވެ. ހުޅުއްވައިދެއްވީ، މާލޭ. މއ.ކިނބިގަސްދޮށުގެ، އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމެވެ. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކަށް އިންތިޚާބުވެވަޑައިގަތުމުގެ ކުރީން، ސުމުއްވުލްއަމީރު އިބްރާހީމްނާޞިރު ރަންނަބަނޑޭރިކިލެގެފާނުގެ ރައީސްކަމުގެ ދުވަސްވަރު، އޭރުގެ ޕްރައިމްމިނިސްޓަރ އޮފީހުގެ ޚާއްޞަ ވަކީލެއްގެ ގޮތުގައި ހުންނަވައިގެން މިއަތޮޅަށް ކުރެއްވި ރަސްމީދަތުރުފުޅެއްގައެވެ. ޕްރިންސިޕަލުންނަށާއި، ހިންގުމުގެވައްޓަފާޅިއަށާއި، ތަނުގެ ފެންވަރަށް ގިނަގުނަ ބަދަލުތަކެއް އައިނަމަވެސް، އެނަމުގައި، އާދެ! 'އައްޑޫ އިންގިލިޝް ސްކޫލް' ގެ ނަމުގައި، 1979 ވަނަ އަހަރުގެ އެޕްރީލްމަހާ ހަމައަށް ސްކޫލު ހިންގަމުން އައެވެ. އެހިސާބުން 'ހިތަދޫ ޕްރައިމަރީސްކޫލު' ގެ ނަމަށް، ނަން ބަދަލުކުރެވި، އެ ނަމުގައި ހުޅުވުނެވެ. މިފަހަރުވެސް ހުޅުއްވައިދެއްވީ، އޭރުގެ ރައީސުލް ޖުމްހުރިއްޔާ އަލްއުސްތާޒު މައްމޫން އަބުދުލް ޤައްޔޫމް އެވެ. އެއީ، ރައީސްކަމުގެ ފުރަތަމަދައުރަށް ހުވައިކުރެއްވުމަށްފަހު، މި އަތޮޅަށް ކުރެއްވި ފުރަތަމަ ރަސްމީ ޒިޔާރަތުގައެވެ. އެހެންނަމަވެސް، އަނެއްކާވެސް އޭގެ ކުޑަދުވަސްކޮޅެއްފަހުން، އާދެ! 24 ޖޫން 1979 ގައި، ރައީސް، މި އަތޮޅަށް ކުރެއްވި ޒިޔާރަތުގައި ފެނިގެން ދިޔައީ، މި ސްކޫލްގެ ނަން، 'ހިތަދޫސްކޫލު' ގެ ނަމަށް ބަދަލުކުރައްވައި، ހުޅުއްވައިދެއްވައި، ޘާނަވީ ސްކޫލެއްގެގޮތުގައި އިޢުލާންކުރެއްވި ތަނެވެ. ފަހުން، މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ މަސްއޫލުވެރިކަމުގެ ދަށަށް ބަދަލުވެގެން ސަރުކާރު ސްކޫލެއްގެ ގޮތުގައި ރެޖިސްޓްރީ ކުރެވިގެން އައިއިރު، ޕްރައިމަރީ ސްކޫލަކަށް ބަދަލުކުރައްވާފައި އޮތްކަމުގައިވިއަސް، މިއީ، އެދުވަހު ރައީސް މަޢުމޫން އެ ހުޅުވައިދެއްވި ހިތަދޫސްކޫލެވެ. އައްޑޫއިންގިލިޝް ސްކޫލު ހުޅުވުނީއްސުރެން ފެށިގެން 1993 ގެ ދިރާސީ އަހަރު ނިމެންދެން މި ސްކޫލު ހިންގަމުން އައިސްފައިވަނީ ސ.އަތޮޅުތަޢުލީމީމަރުކަޒުގެ އުތުރުން އެ މަގުގެ އަނެއްފަރާތު ކަންމަތީގައި އެހުރި ( މަތީގައި އެވާ ފޮޓޯގައިވާ) ސ. ހިތަދޫ ކޮމަންޑޫގެ އާއި، ކޮމަންޑޫގޭގެ އިރުމަތީފަރާތުން މަގުގެ އަނެއްފަރާތުގައި އެހުރި (ހަރުގެއެއް ކަހަލަ ) އިމާރާތުގައެވެ. މިހާރު ސްކޫލު ހިނަގަމުންމިދާ ޢިމާރާތަށް، ސްކޫލް ބަދަލުކުރެވިފައިވަނީ 1994 ވަނަ އަހަރުގެ ތެރޭގައެވެ. މިސްކޫލުގެ ނުވަތަ މި ޢިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ 01 ނޮވެމްބަރ 1992 ގައި، އޭރުގެ މިނިސްޓަރ އޮފް ޖަސްޓިސް އޮނަރަބްލް ފަޟީލަތުއްޝައިޚް އަލްއުސްތާޛް މުޙައްމަދުރަޝީދު އިބްރާހީމެވެ. ސްކޫލު އިމާރާތްކުރެވުނު އިރު މިނިސްޓަރ އޮފް އެޑިއުކޭޝަނަކީ އޮނަރަބްލް އަލްއުސްތާޛް ޢަބްދުﷲ ޙަމީދު އެވެ. ނަމަވެސް، ހުޅުވަން ޖެހުނުއިރު މިނިސްޓަރަކަށް ހުންނެވީ، މއ. ކިނބި. ޑޮކްޓަރ މުޙައްމަދު ލަޠީފް އެވެ. އެހެންކަމުން، ސްކޫލު ހުޅުއްވައިދެއްވީ އެ މަނިކުފާނެވެ. 19 މާރޗް 1994 ގައި، ބޭއްވުނު ކުލަގަދަ ރަސްމީއްޔާތެއްގައެވެ. އާދެ! ގުރޭޑު 1 ން 7 އަށް ކިޔަވައިދޭ، ސަރުކާރުގެ ޕްރައިމަރީ ސްކޫލެއްގެ ގޮތުގައެވެ. މިހާރު މިސްކޫލް ވަނީ 2011 ވަނަ އަހަރު ސެކަންޑްރީ ސްކޫލަކަށް ބަދަލުވެފައެވެ. ސްކޫލްގެ މޮޓޯ '' އުނގެނިގެން ޚިދުމަތްކުރާށެވެ.'' ‘’Learn and Serve’’ ސްކޫލްގެ މިޝަން ހިތަދޫ ސްކޫލުގެ މައިގަނޑު މަސައްކަތަކީ، އެތަނުގެ ދަރިވަރުންނާއި މުވައްޒަފުންގެ މައްޗަށް އެކުލެވިގެން މިވާ ސްކޫލު މުޖުތަމަޢުގެ ކޮންމެ ފަރުދަކީ، އިސްލާމީ ރިވެތި އާދަކާދަތަކާއި، އުޞޫލުތަކުން ޒީނަތްތެރިވެފައިވާ، އަނެކުންނާ އަޅާލާ، ޒިންމާދާރު، ފިކުރީ، ޢިލްމީ، މުވާތިނަކަށް ވުމަށްޓަކައި، އެ މީހުނަށް ބޭނުންވާ މަގުފަހިކޮށްދިނުމެވެ. ސްކޫލް ވިޝަން އެންމެ ފުރަތަމަ އަދި އެންމެ މޮޅު ސްކޫލަށް ވުން. “To be the first and best choice” ސްކޫލްގެ ލަނޑުދަނޑިތައް 1- ކުދިންގެ ކިޔެވުން 2- ދަރިވަރުންގެ އަދަބު އަޚުލާޤު 3- ސްކޫލު ގެ ވެށި 4- ކިޔަވައިދިނުމާއި ސްޕަވިޝަން 5- ކުޅިވަރާއި، ކަސްރަތާއި، ސިއްޙަތު 6- ސްކޫލުގެ ހިންގުން 7- ބޭނުންވާ ބައެއް ވަސީލަތްތައް

މޮޓޯ އުނގެނިގެން ހިދުމަތް ދިނުން
ތަޞައްވަރު

އެންމެ ރަނގަޅު އަދި އެންމެ މަޤުބޫލް ސްކޫލްގެ ގޮތުގައި ކުރިޔަށް ދިއުން

މުހިންމަތު

ހިތަދޫ ސްކޫލުގެ މައިގަނޑު މަސައްކަތަކީ، އެތަނުގެ ދަރިވަރުންނާއި މުވައްޒަފުންގެ މައްޗަށް އެކުލެވިގެން މިވާ ސްކޫލު މުޖުތަމަޢުގެ ކޮންމެ ފަރުދަކީ، އިސްލާމީ ރިވެތި އާދަކާދަތަކާއި، އުޞޫލުތަކުން ޒީނަތްތެރިވެފައިވާ، އަނެކުންނާ އަޅާލާ، ޒިންމާދާރު، ފިކުރީ، ޢިލްމީ، މުވާތިނަކަށް ވުމަށްޓަކައި، އެ މީހުނަށް ބޭނުންވާ މަގުފަހިކޮށްދިނުމެވެ.

ގުޅުއްވުމަށް

Hithadhoo School logo
ސ. ހިތަދޫ
ހިތަދޫ ސްކޫލް، އެޅި ދިއްދި މަގު، ސ. ހިތަދޫ. 19020
+960 6886908