މިނިސްޓަރގެ އަރިހަށް، ޖަޕާނުގެ ސަފީރު ވަދާއީ ޒިޔާރަތެއް ކުރައްވައިފި

09 ޑިސެމްބަރު 2024

މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢުގެ އަރިހަށް، ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތަކެއުޗި މިދޮރި ވަދާއީ ޒިޔާރަތެއް ކުރައްވައިފިއެވެ. 
މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ވަނީ، ސަފީރަށް ހެޔޮއެދުންތައް އަރިސްކުރައްވައި، ސަފީރުގެ ހައިސިއްޔަތުން އެކަމަނާގެ އިސްނެންގެވުމާއެކު ތައުލީމީ ދާއިރާއަށް ކޮށްދެއްވި އަގުހުރި ހިދުމަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ރާއްޖޭގައި ސްކޫލުތަކުގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ޖަޕާނުން އަދާކުރައްވާ ދައުރުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
މި ބައްދަލުވުން ނިންމަވާލައްވަމުން މިނިސްޓަރ ވަނީ މިހާރު ކުރިއަށް ދާ މަޝްރޫއުތަކާއި ކުރިއަށް އޮތްތަނުގައި ޖަޕާނު ސަރުކާރާއެކު ތައުލީމީ ދާއިރާއާ ގުޅުންހުރި ކަންކަމުގައި އެކުގައި ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
ޖަޕާނުގެ ސަފީރު ވަނީ އެކަމަނާގެ ދައުރުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކުރައްވާ، މިނިސްޓަރ އަށް ޝުކުރުދަންނަވާފައެވެ.