ބ އަދި ޅ އަތޮޅުގެ ސްކޫލުތަކުގެ އިސްވެރީންނަށް ލީޑަރޝިޕް ވޯކްޝޮޕެއް!

08 ޑިސެމްބަރު 2024

 ބ އަދި ޅ އަތޮޅުގެ ސްކޫލުތަކުގެ އިސްވެރީންނަށް ލީޑަރޝިޕް އެންހޭންސްމެންޓް ވޯކްޝޮޕެއް ކުރިއަށްގެންގޮސްފިއެވެ.

ދެ ދުވަހުގެ މުއްދަތަކަށް ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ކުރިއަށްދާ މި ވޯކްޝޮޕްގައި މި ދެ އަތޮޅުގެ 16 ސްކޫލަކުން ޕްރިންސިޕަލުންނާއި ލީޑިންގ ޓިޗަރުން ހިމެނޭހެން ޖުމްލަ 49 ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވައެވެ.

 މި ވޯކްޝޮޕްގެ ސެޝަންތައް ނަންގަވައިދެއްވަނީ ސްރީލަންކާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންގެ ޑިރެކްޓަރ ޖެނެރަލް ޕްރޮފެސަރ ޕްރަސާދު ސެތުންގާ އެވެ. 

މި ވޯކްޝޮޕްގެ މައިގަނޑު މަޤްޞަދަކީ ސްކޫލުތައް ހިންގުމުގައި ބޭނުންކުރާ ޒަމާނީ އާ ގޮތްތަކާއި، އާ އީޖާދުތަކާ ގުޅޭ މަޢުލޫމާތު ޕްރިންސިޕަލުންނަށް ހިއްސާކޮށް، އެކަންކަމަށް އަހުލުވެރިކުރުވުމެވެ. މީގެ އިތުރުން، މި ވޯކްޝޮޕްގެ ސަބަބުން ބައިވެރިންގެ މެދުގައި ރަނގަޅު ނެޓްވޯކެއް އުފެދި، ކުރިމަގުގައި އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވެ، މަޢުލޫމާތު ޙިއްޞާކުރުމަށް މަގުފަހިވެގެންދާނެއެވެ.

 މި ސިލްސިލާގެ ވޯކްޝޮޕްތައް މިހާތަނަށް ވަނީ ގދ، ގއ، ކ، މާލެ ސިޓީ، އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ، ގެ އިތުރުން އއ، ވ، މ، ފ، ދ އަދި ރ އަތޮޅުގައި ވެސް ކުރިއަށް ގެންގޮސްފައެވެ.