އައްޑޫ ސްކޫލްތަކުގެ ޕްރިންސިޕަލުންނާ މިނިސްޓަރ ބައްދަލުކުރައްވައިފި

27 ފެބްރުއަރީ 2025
...

މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީއު އައްޑޫ ސިޓީ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ސިޓީގެ ސްކޫލްތަކުގެ ޕްރިންސިޕަލުންނާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ސްކޫލްތަކުގެ އެކްޓިވިޓީ ކަލަންޑަރާއި، ކިޔެވުމުގެ ފެންވަރު މަތިކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން ޕްރިންސިޕަލުންނާ އެކު ވަނީ މަޝްވަރާކުރައްވާފައެވެ. އަދި ދަރިވަރުންގެ "ލަރނިންގ ލޮސް" މަދުކޮށް, ކިޔަވައިދިނުމުގެ ފެންވަރު ރަނގަޅުކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން ޕްރިންސިޕަލުންގެ ޚިޔާލު ހޯއްދެވިއެވެ.
 
މީގެ އިތުރުން މިނިސްޓަރ ވަނީ މިނިސްޓްރީގައި ތަރައްޤީ ކުރެވެމުންދާ އައު  އެޑިޔުކޭޝަން މެނޭޖްމަންޓް ސޮފްޓްވެއަރ އާ ގުޅޭ މަޢުލޫމާތު ޕްރިންސިޕަލުންނާ ޙިއްޞާ ކުރައްވާފައެވެ. މީގެ އިތުރުން މިނިސްޓްރީއިން ޓެކްސްޓް ފޮތް ލިޔަން ހުޅުވާލި ފުރުޞަތުގައި ގިނަ ބަޔަކު އެކަމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާތީ, އިތުރު މާއްދާތަކަށް ފޮތް ލިޔުމަށް ހުޅުވާލަން ގަސްތުކުރައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 
 
މި ބައްދަލުވުން ނިންމާލައްވަމުން މިނިސްޓަރ ވަނީ ޕްރިންސިޕަލުންގެ ކަންބޮޑުވުންތަކަށް އަޑުއައްސަވައި، ސްކޫލްތަކުގައި ބާއްވާ އިތުރު ޙަރަކާތްތައް މަދުކުރުމަށް އެދިވަޑައިގަތް އެދިވަޑައިގަތުމަށް އެދެވޭ ޙައްލެއް ގެނެސްދެއްވުމަށް  މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.