ރ. ހުޅުދުއްފާރު ސްކޫލުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގައި މިނިސްޓަރ ޑރ.އިސްމާއިލް ޝަފީއު ބައިވެރިވެވަޑައިގެންފިއެވެ.
މިނިސްޓަރ މި ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވީ ޝަރަފުވެރި މެހެމާނުގެ ހައިސިއްޔަތުންނެވެ.
މި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ވަނީ، އޯލެވެލް އަދި އޭލެވެލްގައި ބެސްޓްއޯލް އަރައުންޑް ނަތީޖާ ހާސިލުކުރެއްވި ދަރިވަރުންނަށް ޚާއްސަ ތަހުނިޔާއާއި މުބާރަކްބާދީ އަރިސްކުރައްވާފައެވެ. އަދި މުދައްރިސުންގެ އަގުހުރި ޚިދުމަތާއި، އެ ބޭފުޅުންނަށް ލިބެންވާ އިޙްތިރާމާއި ޤަދަރުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
"މުދައްރިސުންނަށްވުރެ ޝަރަފުވެރި، ޤަދަރުވެރި، އިއްޒަތްތެރި ބަޔަކު ތިބޭނެ ކަމަކަށް އަޅުގަނޑު ނުދެކެން. އެންމެ ހަގު އުމުރުން ފެށިގެން 12 އަހަރު ވަންދެން ރަސްމީ ތަޢުލީމު ފޯރުކޮށްދެނީ މުދައްރިސުން،" މިނިސްޓަރު ވިދާޅުވިއެވެ.
މުދައްރިސުންގެ ފަންނީ ކުރިއެރުމަށް އިސްކަންދިނުމުގެ މުހިންމުކަމާއި، ތަޢުލީމީ ދާއިރާގައި ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްކުރުމުގެ މުހިންމުކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މައިންބަފައިންނާއި މުދައްރިސުންނަށް އިޙްތިރާމްކުރާ އަދި ބަސް އަހާ، އެ ފަރާތްތަކުން ކުރައްވާ އަގުހުރި މަސައްކަތުގެ އަގު ވަޒަންކުރުމަށް ހުރިހާ ދަރިވަރުންނަށް މިނިސްޓަރ ވަނީ އިލްތިމާސްކުރައްވާފައެވެ.