ހޮޅުދޫ މޭނާ ސުކޫލުގެ އައު ޢިމާރާތް އަޅަން އެމްޓީސީސީ އާ ހަވާލުކޮށްފި

23 ޖުލައި 2025
...

ނ.ހޮޅުދޫ މޭނާ ސުކޫލުގެ 4 ބުރީގެ އައު ޢިމާރާތުގެ މަސައްކަތް 2025 ޖުލައި 22 ވީ އަންގާރަ ދުވަހު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.


ހޮޅުދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި، އިމާރާތް އެޅުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީއުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އަޙުމަދު ސައުދީއެވެ.


މޭނާ ސުކޫލުގެ އަލަށް ޢިމާރާތް ކުރެވިގެންދާ މި ސުކޫލްގައި 17 ކުލާސްރޫމުގެ އިތުރުން އޮފީސް، ލައިބްރަރީ، އޭ.ވީ ރޫމް، އިދާރީ މަސައްކަތަށް ބޭނުންވާ ޖާގަ، ނަމާދު ކޮޓަރިއާ އެކު ކުޅިވަރު ކުޅުމަށް ބޭނުންވާ ފުޓްސަލް ދަނޑެއް ވެސް ހިމެނޭނެއެވެ. މި އިމާރާތް ތަރައްޤީވުމާއެކު މޭނާ ސްކޫލުގެ ކިޔެވުން އެއް ކެމްޕަހަކަށް ބަދަލުކޮށް، ހުރިހާ ގުރޭޑުތަކެއް އެއް ސުކޫލެއްގައި ކިޔެވުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.