ހަނިމާދޫ ސްކޫލުގެ އައު އިމާރާތާއި، އުމްރާނީ ވަސީލަތް ތަރައްޤީކުރަން އެފްޑީސީއާ ހަވާލުކޮށްފި

24 އޯގަސްޓު 2025
...

ހަނިމާދޫ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމުގެ ގޮތުން މަލްޓިޕަރޕަސް ހޯލަކާއި އުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނާ ހަވާލުކޮށްފި އެވެ.

މި މަޝްރޫޢުގައި ސޮއިކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހދ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ހަނިމާދޫ ގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. ސަރުކާރުގެ ފަރާތުން މި މަޝްރޫޢުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ހުސައިން ސަޢީދު މުހައްމަދެވެ. އަދި ފަހި ދިރިއުޅުން ކޯޕަރޭޝަން ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ރައްޒާން އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ, ސްކޫލުގެ މަޝްރޫޢު ކުރިއަށްގެންދަވާނީ ހަނިމާދޫ ދަރިވަރުންނާއި، އެއްފަސްކުރުމުގެ ގޮތުން ހަނިމާދޫއަށް ބަދަލުކުރާ ހިރިމަރަދޫ ދަރިވަރުންނަށްވެސް ޖާގަ ލިބޭނޭ ގޮތަށް ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން ހަނިމާދޫ ސްކޫލުގައި މަލްޓިޕަރޕަސް ހޯލަކާއި, 4 ކުލާސްރޫމާއި, ސައިންސް ލެބާއި ސްޓާފްރޫމްގެ އިތުރުން ލައިބްރަރީ ފަދަ ވަސީލަތްތައް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.