ޔުނެސްކޯގެ 43 ވަނަ ޖެނެރަލް ކޮންފެރެންސްގައި ދިވެހިރާއްޖޭގެ ކަންޓްރީ ސްޓޭޓްމަންޓް ހުށަހަޅައިފި

05 ނޮވެމްބަރު 2025
...

އުޒްބެކިސްތާނުގައި މިހާރު ކުރިއަށްދާ ޔުނެސްކޯގެ 43 ވަނަ ޖެނެރަލް ކޮންފަރެންސްގައި ދިވެހިރާއްޖޭގެ ފަރާތުން ކަންޓްރީ ސްޓޭޓްމެންޓް ހުށަހަޅައިފިއެވެ. ދިވެހިރާއްޖޭގެ ފަރާތުން މި ސްޓޭޓްމަންޓް ހުށަހެޅުއްވީ ސްޓޭޓް މިނިސްޓަރ ފޮރ އެޑިޔުކޭޝަން ޑރ. އަޙްމަދު މުޙައްމަދު އެވެ. 

މި ބަޔާނުގައި ޑރ. އަޙްމަދު ވަނީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވާ ނާޒުކު ޙާލަތްތަކުން އަރައިގަތުމަށްޓަކައި "ސިޑްސް" ގެ އެކްޝަން ޕްލޭން ތަންފީޒުކުރުމަށްޓަކައި ބައިނަލްއަޤްވާމީ ގުޅުންތައް ބަދަހިކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. 

މީގެ އިތުރުން ދެމެހެއްޓިނިވި ތަރައްޤީގެ ލަނޑުދަނޑިތަކާ އެއްގޮތްވާ ގޮތުގެ މަތިން ތަޢުލީމީ ނިޒާމަށް ގެންނަމުންދާ ބަދަލުތައް ޑރ. އަޙްމަދު ވަނީ ޙިއްޞާކުރައްވާފައެވެ. އެގޮތުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި މަތީ ސާނަވީގެ ފުރުޞަތުތައް އިތުރުކޮށް، ތަފާތު ލަރނިންގ ޕާތްވޭ ތައް ތައާރަފުކޮށްފައިވާކަން ފާހަގަކުރެއްވިއެވެ. މި ބަދަލާއެކު ދަރިވަރުންނަށް އެކެޑެމިކް، ވޮކޭޝަނަލް އަދި ސްކިލް-ބޭސްޑް ދާއިރާތަކުގެ ތެރެއިން އެ ދަރިވަރަކު ޚިޔާރުކުރާ ކޮންމެ ދާއިރާއަކުން ކުރިއަށްދިއުމުގެ މަގުފަހިވެގެން ދާނެއެވެ. 

މިއާއެކު މުދައްރިސުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއްކަން ފާހަގަކުރައްވާ, އެކަމަށްޓަކައި ކުރެވެމުންވާ މުހިންމު މަސައްކަތްތައް ޙިއްޞާކުރެއްވިއެވެ. އެގޮތުން, މުދައްރިސުންނަށް ނަފްސާނީ ފުރަތަމަ އެހީ ލިބޭނެ ގޮތް ހަމަޖެއްސުމާއި, ފަންނީ ކުރިއެރުމާއި، މަސައްކަތުގެ މާޙައުލުގެ ފެންވަރު ރަނގަޅުކުރުމަށް ޤައުމީ ޕްރޮގްރާމްތައް ކުރިއަށް ގެންދާކަން ފާހަގަކުރެއްވިއެވެ.

"ދިވެހިރާއްޖޭގައި ކަރިކިއުލަމް ޑިވެލޮޕްމެންޓަށް އިސްކަންދޭ މިންވަރަށް, މުދައްރިސުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ވެސް އިސްކަންދޭ"، ޑރ. އަޙްމަދު ވިދާޅުވިއެވެ. 

ޑރ. އަޙްމަދު ވަނީ، ޚާއްޞަކޮށް އަތޮޅުތެރޭގެ ރަށްރަށުގައި ދިރިއުޅޭ ދަރިވަރުންނަށް އަމާޒުކޮށްގެން، އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) ބޭނުންކޮށްގެން ތަރައްޤީކުރެވިފައިވާ އެޑެޕްޓިވް ލަރނިންގ ވަސީލަތްތަކާއެކު އުނގެނުމާއި އުނގަންނައިދިނުން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްތަކެއް ކުރެވެމުންދާ ކަން ފާހަގަކުރައްވާފައެވެ. އަދި ތަޢުލީމީ ދާއިރާގައި ޓެކްނޮލޮޖީ ބޭނުންކުރުމުގައި އަޚްލާޤީ މިންގަނޑުތައް ދެމެހެއްޓުމާއި، ހުރިހާ ދަރިވަރުންނަށް ހަމަހަމަ އަދި ޝާމިލުވެއްޓެއްގައި ޓެކްނޮލޮޖީގެ ފައިދާ ލިއްބައިދިނުމަށް ޔުނެސްކޯއިން މަސައްކަތްކުރައްވާކަން ފާހަގަކުރެއްވިއެވެ. އަދި އެކަން ކާމިޔާބުކުރުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތްކުރެއްވުމަށް ވެސް ގޮވާލެއްވިއެވެ. 

ނިންމާލުމުގެ ގޮތުން ޑރ. އަޙްމަދު ވަނީ ދެމެހެއްޓެނިވި ތަރައްޤީއާއި, ސަގާފަތް ރައްކާތެރިކުރުމާއި, މޫސޫމީ ބަދަލުތަކަށް ވަކާލާތުކުރުމުގައި ދިވެހިރާއްޖޭގެ ޒުވާނުން އަދާކުރާ ދައުރުގެ މައްޗަށް އަލިއަޅުވާލައްވައި, އެ މަސައްކަތުގައި ޒުވާނުންނަށް އެއްބާރުލުން ދިނުމުގައި ސަރުކާރުން ޔުނެސްކޯއާ އެކު މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. 

ޔުނެސްކޯގެ 43 ވަނަ ޖެނެރަލް ކޮންފަރެންސް ކުރިއަށް ދަނީ އުޒްބެކިސްތާނުގެ ސަމަރކަންޑުގައެވެ. ކޮންމެ 2 އަހަރަކުން ބާއްވާ މި ބައްދަލުވުމުގައި ޔުނެސްކޯގެ 194 މެންބަރު ޤައުމުތަކުގެ އިތުރުން ބައިނަލްއަޤްވާމީ ޖަމިއްޔާތަކުން ބައިވެރިވެއެވެ.