މާލޭ ސްކޫލްތަކުގެ ޕީޓީއޭ ހިންގާ ކޮމިޓީތަކާއެކު ތާރީޚީ މަޝްވަރާ ފޯރަމެއް

05 ފެބްރުއަރީ 2025

މިނިސްޓްރީއިން އިސްނަގައިގެން މާލޭ ސްކޫލްތަކުގެ ޕީޓީއޭ ހިންގާ ކޮމިޓީތަކާއެކު ބޭއްވުނު ޚިޔާލު ބަދަލުކުރުމުގެ ފުރަތަމަ މަޝްވަރާ ފޯރަމް މިރޭ ބާއްވައިފިއެވެ.

އިމާދުއްދީން ސްކޫލުގައި ބޭއްވުނު މި ފޯރަމް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. އިސްމާޢީލް ޝަފީޢެވެ. މި މުހިންމު ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރުންނާއި، މިނިސްޓްރީގެ އިސް އޮފިޝަލުންގެ އިތުރުން، ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި ބެލެނިވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ފޯރަމްގެ ތެރެއިން މިނިސްޓްރީން ކުރަމުންދާ މުހިންމު މަސައްކަތްތަކުގެ މަޢުލޫމާތު މިނިސްޓަރ ވަނީ ބައިވެރިންނާ ހިއްސާކުރައްވާފައެވެ. މީގެ ތެރޭގައި:

1 ތަޢުލީމީ ސިޔާސަތުތައް އެކުލަވާލުމުގައި ދަރިވަރުންގެ މަޞްލަޙަތަށް ދެވޭ އިސްކަން.

2 ދަރިވަރުންގެ މުސްތަޤުބަލު ރައްކާތެރިކުރުމަށްޓަކައި، އެއްވެސް ދަރިވަރަކު ތަޢުލީމީ ނިޒާމުން ބޭރުނުވާނެ ގޮތަށް ސިޔާސަތު ބައްޓަންކުރުން.

3 ދަރިވަރުންގެ ޝައުޤުވެރިކަން ހުންނަ ދާއިރާތަކުން ކުރިއަށްދިޔުމަށް މަގުފަހިކުރުން.

މީގެއިތުރުން، ވޭތުވެދިޔަ އަހަރުތަކުގައި ރަސްމީ ތަޢުލީމީ ނިޒާމަށް ކުރެވިފައިވާ ޚަރަދުތައް، ކުރިއަށް އޮތް ތަނުގައި ތަޢުލީމީ ދާއިރާއަށް ކުރެވޭ ޚަރަދު އިތުރުވާނެކަމަށް ލަފާކުރެވޭ ކަމުގައިވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖޭގައި "ވަން އައިލެންޑް، ވަން ސްކޫލް" ގިނަ ރަށްތަކުގައި ޤާއިމުވެފައިވާއިރު، ބެލެނިވެރިންނާއި، ސްކޫލާއި އަދި މުޖުތަމަޢުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރަން ޖެހޭކަމަށް ދެކެވަޑައިގަންނަވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖޭގެ ޖިއޮގްރަފިކަލް ޑިސްޕަރޝަން އަކީ ޤައުމުގެ ތަޢުލީމީ ނިޒާމަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. އަދި އެންމެ ގިނަ ދަރިވަރުން ތަޢުލީމު ޙާޞިލުކުރަމުންދާ "ގްރޭޓަރ މާލެ" ސަރަޙައްދުގައިވެސް ތަފާތު ގިނަގުނަ ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރެއްވިއެވެ. 

އަދި ބެލެނިވެރިން ވަނީ މި ފޯރަމް އިންތިޒާމުކޮށްދެއްވި ކަމަށްޓަކައި ޝުކުރު އަދާކޮށް، މިނިސްޓްރީގެ ޕޮލިސީތަކާ ގުޅޭ އެކިއެކި ހިޔާލުތައް މިނިސްޓަރާއި ހިއްސާކޮށްފައިވެއެވެ. 

ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމު އިޞްލާޙު ކުރުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތްކުރުމަށް އިލްތިމާސްކުރައްވަމުން، މިފަދަ ފޯރަމްތައް ކުރިއަށް އޮތްތަނުގައިވެސް ބޭއްވުމަށް އުންމީދުކުރައްވާ ކަމަށް މި ފޯރަމް ނިންމަމުން މިނިސްޓަރު ވިދާޅުވިއެވެ.