"ސްކޫލުތަކުގެ ކާމިޔާބީގައި މުޖުތަމަޢުގެ އެއްބާރުލުން މުހިންމު"

27 ފެބްރުއަރީ 2025
...

ސްކޫލެއްގެ ކާމިޔާބީގައި މުޖުތަމަޢުގެ އެހީތެރިކަމާއި އެއްބާރުލުމަކީ އަގުހުރި އަދި މުހިންމު ކަމެއް ކަމަށް މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ އައްޑޫ ހައި ސްކޫލުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ. 
 
މިނިސްޓަރ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ކީ ސްޓޭޖް 1 އަދި 2 ނިމޭއިރު ލިޓަރަސީ، ނިއުމަރަސީ އަދި ބަހުގެ ހުނަރުތައް އެކަށީގެންވާ މިންވަރަށް ތަރައްޤީ ނުކުރެވިއްޖެނަމަ، އޯލެވެލްގެ ނަތީޖާ އެދެވޭ މިންވަރަށް ރަނގަޅު ނުކުރެވޭނެއެވެ. އަދި ޕްރައިމަރީ މަރުޙަލާގެ ނަތީޖާ މަތި ނުކޮށް, ސެކަންޑަރީ މަރުޙަލާގެ ނަތީޖާ މަތިކުރުމަކީ ދަތި ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
 
މިނިސްޓަރު ހާމަކުރެއްވި ތަފާސްހިސާބުތަކަށް ބަލާއިރު، މި ހިނގާ ދިރާސީ އަހަރު  އައްޑޫ ސިޓީގައި 96 ދަރިވަރުން އޭލެވެލް ކިޔަވަން ފަށާފައިވެއެވެ. މިއީ ސަރުކާރު ސްކޫލުތަކުގެ އެވްރެޖަށް ބަލާއިރު %77 އަށްވުރެ މަތީ އަދަދެކެވެ. މާލެ ސަރަޙައްދުގައި މި އަދަދު %107 ގައި ހުރި ކަމަށާއި، މުޅި ރާއްޖޭގައި އޭލެވެލްއަށް ވަންނަ ކުދިންގެ އަދަދު ޖުމްލަ %33 އިތުރުވެފައިވާ ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. 
 
މީގެއިތުރުން، މިނިސްޓަރުގެ ވާހަކަފުޅުގައި މުދައްރިސުންގެ ގަދަރާއި އިޙްތިރާމް އުފުލުމަށް މުޅި މުޖުތަމަޢުއާއި ދަރިވަރުންނަށް ޚާއްޞަ އިލްތިމާސެއް ކުރެއްވިއެވެ.