ސްކޫލު މާހައުލަކީ ދަރިވަރުންނާއި މުދައްރިސުންނަށް ހިތްފަސޭހަ މާހައުލަކަށް ހެދުމަށް ފަށާފައިވާ 'ކޫލް ސްކޫލް’ ޕްރޮޖެކްޓްގެ ދަށުން މިހާތަނަށް 802 ކްލާސްރޫމެއްގައި އޭސީ ހަރުކުރެވިފައިވާކަމަށް މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ. މި މަޝްރޫޢުގެ ދަށުން ސަރުކާރު ސްކޫލުތަކުގައި ހުރި ޖުމްލަ 3,740 ކްލާސްރޫމް އޭސީކުރުމަށް ވަނީ ހަމަޖެހިފައެވެ.
“މިހާރު އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ މި މަހުގެ ތެރޭގައި ބަލްކްކޮށް އޭސީތައް ސްކޫލްތަކަށް ފޮނުވުމަށް. އިރާދަކުރެއްވިއްޔާ މި އަހަރު ނިމުމުގެ ކުރިން ދަރިވަރުން ތަޢުލީމު ހާސިލުކުރުމަށް ސްކޫލްގައި ތިބޭ ހުރިހާ ކްލާސްރޫމެއް އަޅުގަނޑުމެން އޭސީކޮށް ނިންމާނަން.” މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވިއެވެ.
މި މަޝްރޫޢު ފުރަތަމަ އިޢުލާންކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. މިނިސްޓްރީއާއި ކޮމިއުނިޓީގެ އެހީތެރިކަމާއެކު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި މަޝްރޫޢު އޭރު ރޭވިފައިވަނީ 2 އަހަރު ތެރޭގައި ނިންމުމަށް ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ނަމަވެސް، ސްކޫލްތަކާއި ދަރިވަރުންނާއި ބެލެނިވެރިންގެ ފަރާތުން މި މަޝްރޫޢަށް ލިބުނު ތަރުހީބާއި، އަވަސްކުރުމަށް އެދުނު އެދުމަށް އިޖާބަދެއްވައި، މި އަހަރުގެ ތެރޭގައި މި މަޝްރޫޢު ނިންމުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިރުޝާދު ދެއްވާފައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.