ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ޔަޙްޔާ ޙަސަން އަލްޤަޙްޠާނީ، މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. އިސްމާޢީލް ޝަފީޢުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
އެޑިޔުކޭޝަން މިނިސްޓްރީގައި ބޭއްވި މި ބައްދަލުވުމުގައި، މިނިސްޓަރ ވަނީ ސަފީރަށް ތަހުނިޔާ ދަންނަވާފައެވެ. އަދި ސަޢޫދީ ޢަރަބިއްޔާ އިން ދިވެހިރާއްޖޭގެ ތަރައްޤީ އަށް ވެދެއްވަމުން ގެންދާ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވިއެވެ. މީގެ އިތުރުން ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމާއި، ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާ އިތުރަށް ހަރުދަނާކުރުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދެއްކެވިއެވެ.
މި ބައްދަލުވުމުގައި މިނިސްޓަރގެ އަރިހުގައި، އެޑިޔުކޭޝަން މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ޑރ. އަޙްމަދު މުޙައްމަދު ބައިވެރިވެ ވަޑައިގެންނެވިއެވެ.