ޕްރިންސިޕަލުންގެ މާހާސިންތާ 2025 ފަށައިފި

11 އޮކްޓޯބަރު 2025
...

ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނައުމަށް ކުރެވޭ މަސައްކަތުގެ ދަށުން މިނިސްޓްރީ އޮފް އެޑިޔުކޭޝަން އިން އިންތިޒާމުކޮށްގެން ބާއްވާ "ޕްރިންސިޕަލުންގެ މާހާސިންތާ 2025" ފަށައިފިއެވެ. 

މި މަހާސިންތާ ފެށުމަށް މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި ރަސްމިއްޔާތުގައި ރައީސްގެ އަރިހުގައި އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު އަދި މިނިސްޓްރީގެ އިސްވެރީން ބައިވެރިވެ ވަޑައިގެންނެވިއެވެ.

"ޓްރާންސްފޯމިންގ އެޑިއުކޭޝަން – ޕްރިންސިޕަލްސް ލީޑިންގ ޗޭންޖް"ގެ ނަމުގައި ކުރިއަށްގެންދާ މި މަހާސިންތާއަކީ، ސަރުކާރުގެ ތަޢުލީމީ ސިޔާސަތުތަކާ މެދު މަޝްވަރާކޮށް، ފުންކޮށް ވިސްނުމަަށްޓަކައި ތަޢުލީމީ ދާއިރާގެ އިސްވެރީން އެއްތަނަކުން ބައްދަލުވެ، ޚިޔާލު ބަދަލުކުރުމަށް މަގުފަހިކޮށްދޭ މަންސައެކެވެ. މީގެ އިތުރުން، މި މަހާސިންތާގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ސްކޫލުތައް ހިންގުމުގެ ނިޒާމު ހަރުދަނާކުރުމާއި، ސްކޫލްތަކުގެ މެދުގައި އޮންނަ ގުޅުމާއި އެއްބާރުލުން އިތުރަށް ވަރުގަދަކުރުން ހިމެނެއެވެ.

2 ދުވަހުގެ މުއްދަތަކަށް ކްރޮސްރޯޑްސްގައި ކުރިއަށްދާ މި މަހާސިންތާގައި ސްކޫލުތަކުގެ އިސްވެރީންނާއި, މިނިސްޓްރީގެ އޮފިޝަލުން ހިމެނޭހެން ޖުމްލަ 210 އަށް ވުރެ ގިނަ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވައެވެ.

މި މަހާސިންތާގައި ކުރިއަށްދާނެ މުހިންމު ޙަރަކާތްތަކުގެ ތެރޭގައި ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި މުދައްރިސުންގެ މެދުގައި ކުރެވުނު މަޝްވަރާތަކުގެ އަލީގައި އެކުލަވާލެވިފައިވާ ކަރުދާސްތައް ހުށަހެޅުމާއި، މިނިސްޓްރީގެ އެކި ޑިޕާޓްމަންޓްތަކުން ކުރިއަށްގެންދާ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު ބައިވެރިންނާ ޙިއްޞާކުރުން ހިމެނެއެވެ. އަދި ޤައުމީ ތަރައްޤީގެ ޕްލޭގައި ހިމެނޭ "އެޑިޔުކޭޝަން ފޯ ފިއުޗަރ 2045" އާ ގުޅޭ މަޝްވަރާތައް ވެސް މި މަހާސިންތާގައި ކުރިއަށްދާނެއެެވެ.