މުދައްރިސުންނަށް ސިލަބަސް އޮރިއެންޓޭޝަން ތަމްރީނު ޕްރޮގްރާމް ފަށައިފި

14 އޭޕްރީލު 2025
...
ސްކޫލުތަކުގެ ގްރޭޑް 4 އަދި 5 ގެ މުދައްރިސުންނަށް އަމާޒުކޮށްގެން ސިލަބަސް އޮރިއެންޓޭޝަން ތަމްރީނު ޕްރޮގްރާމެ މިއަދު ފަށައިފިއެވެ. މި ޕްރޮގްރާމް ކުރިއަށްދާނީ އެޕްރީލް މަހުގެ 14 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ތަމްރީނު ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ މުދައްރިސުންނަށް ފިލާވަޅުތައް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ބޭނުންވާ އިތުރު އެހީތެރިކަން ފޯރުކޮށްދިނުމެވެ. މި ގޮތުން، އިސްލާމް، ސައިންސް، ކްރިއޭޓިވް އާޓްސް، ސޯޝަލް ސްޓަޑީސް، މެތަމެޓިކްސް، ހެލްތް އެންޑް ފިޒިކަލް އެޑިއުކޭޝަން އަދި އިނގިރޭސި މާއްދާތަކުގެ ސިލަބަސްއާ ގުޅޭ މުހިންމު މަޢުލޫމާތުތައް މި ޕްރޮގްރާމުގައި ހިއްސާކުރެވޭނެއެވެ.

މި ތަމްރީނު ޕްރޮގްރާމް ކުރިއަށްދާނީ ދެ ދަންފަޅިއަކަށް ބަހާލައިގެން، އޮންލައިން ސެޝަންތަކެއްގެ ގޮތުގައެވެ. މި ސެޝަންތަކުގައި 215 ސްކޫލަކުން 700 އަށްވުރެ ގިނަ މުދައްރިސުން ބައިވެރިވާނެއެވެ.

މި ޕްރޮގްރާމުގެ ސަބަބުން މުދައްރިސުންނަށް އައު ސިލަބަސްއާ ގުޅޭ މުހިންމު މަޢުލޫމާތު ލިބި، ކިޔަވައިދިނުމުގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް، ފިލާވަޅުތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ އެހީތެރިކަން ލިބިގެންދާނެއެވެ.