މާލޭ ސްކޫލުތަކުގެ ޕްރިންސިޕަލުންނާ މިނިސްޓަރ ބައްދަލުކުރައްވައިފި

16 އޭޕްރީލު 2025
...

މާލޭ ސަރަޙައްދުގެ ސްކޫލުތަކުގެ ޕްރިންސިޕަލުންނާ މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ވަނީ މިނިސްޓްރީގެ ސިޔާސަތުތައްކަމަށްވާ އިސްވާރުން ހޮވުމުގެ ސިޔާސަތާއި، ސްކޫލުތަކުގައި ބާއްވާ ޙަރަކާތްތަކަށް ޝަރަފުވެރި މެހެމާނުން ހަމަޖެއްސުމާއި އެޑްމިޝަން ޕޮލިސީ ފަދަ ސިޔާސަތުތައް ތަންފީޒުކުރުމުގައި މިނިސްޓްރީއިން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް ހުރިހާ ސްކޫލުތަކުން ވެސް އަމަލުކުރެއްވުމަށާއި، އެކަމުގައި ސްކޫލުތަކުން ވަކިވަކި ގޮތްތައް ނުގެންގުޅުއްވުމަށް އިލްތިމާސްކުރައްވާފައެވެ. އަދި މިނިސްޓަރ ވަނީ ސްކޫލަށް ކުދިން ވެއްދުމުގައި އެޑިޔުކޭޝަން މިނިސްޓްރީއިން ކަނޑައަޅާފައި އޮތް ސިޔާސަތުތަކާއި ގަވާއިދުތަކާ އެއްގޮތަށް ކުރިއަށްގެންދިއުމަށް ޕްރިންސިޕަލުންނަށް އިރުޝާދު ދެއްވާފައެވެ.  

މީގެ އިތުރުން މިނިސްޓަރ ވަނީ ސްކޫލުތަކާ މެދު ޕްރިންސިޕަލުންގެ ހުރި ކަންބޮޑުވުންތައް އަޑުއައްސަވައި، ޙައްލުހޯދޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން މުދައްރިސުންގެ ހާޒިރީގެ މައްސަލަ ޙައްލުކުރުމަށްޓަކައި އިންޓަރނަލް އެޕްލިކޭޝަނެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރެވެމުންދާކަން ޙިއްޞާކުރެއްވިއެވެ. މި އެޕްލިކޭޝަން މެދުވެރިކޮށް މުދައްރިސުންނަށް ޗުއްޓީއަށް އެދެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

މި ބައްދަލުވުމުގައި މިނިސްޓަރގެ އިތުރުން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ހުސައިން ސައީދު، މާލޭ ޒޯންގެ ކޯޑިނޭޓަރ އަބްދުލް ވަލިއްޔު އަލީ އަދި ސްކޫލް އެޑްމިނިސްޓްރޭޝަން ޑިވިޜަން ހިންގުމާ ޙަވާލުވެހުންނެވި އަލީ މުފީދު ބައިވެރިވެ ވަޑައިގަތެވެ.