ދިރާސީ އައު އަހަރު ފެށުން ފާހަގަކުރުމަށް މިނިސްޓަރ ސްކޫލުތަކަށް ޒިޔާރަތްކުރެއްވުން

14 އޭޕްރީލު 2025

ދިރާސީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީއު މާލޭ ސަރަޙައްދުގެ ބައެއް ސްކޫލުތަކަށް ޒިޔާރަތްކުރައްވައިފިއެވެ.

މިގޮތުން މިނިސްޓަރ ވަނީ ރެހެންދި ސްކޫލް، ހުޅުމާލު ސީ.އެޗް.އެސް.އީ އަދި ކާމިލް ދީދީ ޕްރައިމަރީ ސްކޫލް (ކޭ.ޕީ.އެސް) އަށް ވަޑައިގެން ދަރިވަރުންނާ މުދައްރިސުންނާ ބައްދަލުކުރައްވާފައެވެ. އަދި ހަމަ އެއާއެކު މިނިސްޓަރ  ވަނީ ރެހެންދި ސްކޫލުގެ ހެނދުނު ދަންފަޅީގެ ޚާއްޞަ އެސެމްބްލީގައި ބައިވެރިވެ ވަޑައިގެން ދަރިވަރުންނާއި މުހާތަބުކޮށް ވާހަކަފުޅުދައްކަވާފައެވެ.

މިނިސްޓަރ ވާހަކަފުޅުގައި ވިދާޅުވީ ތަޢުލީމީ މުއައްސަސާއެއްގައި، އެތަނެއްގެ ދަރިވަރުންނަށް ތަޢުލީމު އުނގަންނައިދެއްވާ މުދައްރިސުންނަށްވުރެ ޝަރަފުވެރި ބަޔަކު ނުތިބޭކަމަށާއި، ދަރިވަރުންނަށްވުރެ އަޅާލުމާއި ލޯބި ލިބެންޖެހޭ ބަޔަކުވެސް ނުތިބޭނެކަމަށެވެ. އަދި ތަޢުލީމީ ނިޒާމު ބިނާވެފައި މި އޮންނަނީ މި ދެ ފަރާތުގެ މައްޗަށްކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
 
މީގެ އިތުރުން، 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު 9 ވަނަ ދުވަހުގެ ކުރިން ރާއްޖޭގެ ހުރިހާ ސްކޫލުތަކެއްގައި އެއަރކޮންޑިޝަން ހަރުކުރުމުގެ މަޝްރޫޢު ނިންމާނެކަމުގެ ޔަޤީންކަން މިނިސްޓަރު ވަނީ ދެއްވާފައެވެ.
 

ނިންމަވާލައްވަމުން، މިނިސްޓަރު ވަނީ މައިންބަފައިންގެ ޤުރުބާނީގެ އަގު ވަޒަންކުރުމާއި ޝުކުރުވެރިވުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ދަރިވަރުންނަށް ނަސޭހަތްތެރިވަމުން، ކާމިޔާބު ހާސިލުކުރެވޭނީ ހީވާގިކަމާއެކު މަސައްކަތް ކުރުމުން ކަމުގައި އިރުޝާދު ދެއްވާފައިވެއެވެ.