ޘާނަވީ އަދި މަތީ ޘާނަވީ ނިންމާ އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް "މަތީ އަރުތަވެރީންގެ އިނާމު" ދިނުމަށް ބާއްވާ ޖަލްސާގެ ތިންވަނަ ދަންފަޅި ބާއްވައިފިއެވެ.
5 ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި ޖަލްސާގެ ތިންވަނަ ދަންފަޅި ޝަރަފުވެރިކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުالله އެވެ.
މި ދަންފަޅީގައި އިނާމު ޙަވާލުކޮށްދެއްވާފައިވަނީ 2024 ވަނަ އަހަރުގެ ޘާނަވީ އިމްތިޙާނުތަކުން 2-7 ވަނަ ހޯދި 374 ދަރިވަރުންނަށެވެ.
ޖަލްސާގެ މި ދަންފަޅީގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ވަނީ ތަޢުލީމީ ދާއިރާގައި މުދައްރިސުން ލިބުމުގައި ހުރި ދަތިތައް ފާހަގަކުރައްވާ, ރަނގަޅު ނަތީޖާ ހޯދި, މޮޅެތި ދަރިވަރުން ތަޢުލީމީ ދާއިރާއާ ގުޅުމަށް އެދިވަޑައިގެންފައެވެ.
ސޯޝަލް ސެންޓަރުގައި ކުރިއަށްދާ މި ޖަލްސާގެ ދެ ދަންފަޅިއެއް މާދަމާ ވެސް ކުރިއަށްދާނެއެވެ. އެގޮތުން ހެނދުނު ދަންފަޅީގައި 2023 ވަނަ އަހަރުގެ ޘާނަވީ އިމްތިހާނުތަކުން ވަނަތައް ހޯދި ބައެއް ދަރިވަރުންނަށް އިނާމު ޙަވާލުކުރާނެއެވެ. އަދި ރޭގަނޑު ދަންފަޅީގައި މަތީ ޘާނަވީ އިމްތިހާނުތަކުން މަތީ އަރުތަ ހޯދި ދަރިވަރުންނަށް އިނާމު ޙަވާލުކުރުން ކުރިއަށްދާނެއެވެ.