މޮޅު ދަރިވަރުން ތަޢުލީމީ ދާއިރާ އާ ގުޅުމަށް މިނިސްޓަރ އެދިވަޑައިގެންފި

22 ޖޫން 2025
...

ރަނގަޅު ނަތީޖާ ހޯދި މޮޅު ދަރިވަރުން ތަޢުލީމީ ދާއިރާއާ ގުޅުމަށް މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު އެދިވަޑައިގެންފިއެވެ.

 މިނިސްޓަރ މިހެން އެދިވަޑައިގަތީ މަތީ އަރުތަވެރީންގެ އިނާމު ދިނުމަށް ބާއްވާ ޖަލްސާގެ ތިންވަނަ ދަންފަޅީގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ތަޢުލީމީ ދާއިރާގައި މުދައްރިސުން ލިބުމަށް ހުރި ދަތިތަކަކަށް އަލި އަޅުއްވާލެއްވިއެވެ. އެގޮތުން މިހާރުވެސް ސްކޫލުތަކަށް 600 އެއްހާ ސެން ޓީޗަރުންނާއި، 200 އެއްހާ ޕްރައިމަރީ ޓީޗަރުން ބޭނުންވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ބައެއް ރަށްތަކުގައި އިސްލާމް އަދި ދިވެހި މާއްދާ ކިޔަވައިދޭނެ މުދައްރިސުން ލިބުން ދަތިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. 

"މިކަން ޙައްލުކުރެވޭނީ މުޅި މުޖުތަމަޢު އެއްކޮށް މަސައްކަތް ކޮށް، މޮޅު ދަރިވަރުން މުދައްރިސުންގެ ގޮތުގައި އާއި، ޕްރިންސިޕަލުންގެ ގޮތުގައި، ނުވަތަ ސިޔާސަތުތައް ކަނޑައަޅުއްވާ މީހުންގެ ގޮތުގައި ތަޢުލީމީ ދާއިރާއާ ގުޅިގެން." މިނިސްޓަރ ވިދާޅުވިއެވެ.

ތަޢުލީމީ ނިޒާމު ވަރުގަދަ ޤައުމުތައް ކަމަށްވާ ފިންލޭންޑާއި ސިންގަޕޫރު އަދި ޖަޕާނުން މިސާލު ނަންގަވަމުން މިނިސްޓަރ ވިދާޅުވީ އެ ޤައުމުތަކުގައި މުދައްރިސުންނަށް ވަނީ މޮޅު ކުދިން ކަމަށާއި، އެ ކުދިން މުދައްރިސުންނަށް ވުމުން ޤައުމަށް އޭގެ ފައިދާ ކުރާނެކަމަށެވެ.

"މޮޅު ދަރިވަރުން އުފެއްދުމަށް މޮޅެތި މުދައްރިސުން ބޭނުންވޭ. ޤައުމު ބިނާކުރެވޭނީ މޮޅު މީހުންނަށް." މިނިސްޓަރ ވިދާޅުވިއެވެ.