ސްކޫލާއި ބެލެނިވެރިންނާ ދެމެދު ގާތް ގުޅުމެއް އޮންނަން ޖެހޭ - މިނިސްޓަރ

07 އޭޕްރީލު 2025
...

ދަރީންގެ އުނގެނުމުގެ ކަންކަމުގައި، ސްކޫލާއި ބެލެނިވެރީންނާއި ދެމެދު ގާތް ގުޅުމެއް އޮންނަން ޖެހޭކަމަށް މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ. 

މިނިސްޓަރ މިހެން ވިދާޅުވީ 2025 ވަނަ އަހަރުގެ ދިރާސީ އަހަރު ފެށުމުގެ މުނާސަބަތުގައި ދެއްވި ޚިތާބުގައެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ ޢިލްމާއި ޙިލްމު ލިބިފައިވާ، ހުނަރުވެރި، ދިރިއުޅުމަށް ތައްޔާރުވެފައިވާ ފަރުދަކު ބިނާކުރުމަކީ އެންމެން ގުޅިގެން އެއް އަމާޒަކަށް މަސައްކަތްކޮށްގެން މެނުވީ ކުރެވޭނޭ ކަމެއް ނޫންކަމަށެވެ.

"ދަރިވަރުންގެ ކަންކަމުގައި، އިޙްތިރާމާއެކު އެއްބަޔަކު އަނެއްބަޔަކާއި މުޢާމަލާތުކޮށް މަޢުލޫމާތު ބަދަލުކުރެވޭންޖެހޭ. ސްކޫލާއި ގޭތެރޭގެ މާހައުލަކީ ދަރިވަރުންގެ އުނގެނުމާއި، ހެދިބޮޑުވުމަށް އެންމެ ފަހި މާހައުލެއްގެ ގޮތުގައި ހެދުމަށް ގުޅިގެން މަސައްކަތް ކުރާންޖެހޭ." މިނިސްޓަރ ވިދާޅުވިއެވެ. 

މި ފެށުނު ދިރާސީ އަހަރު ރާއްޖޭގެ ސްކޫލުތަކުގައި 90,000 އެއްހާ ދަރިވަރުން ތަޢުލީމު ހާސިލުކުރާނެއެވެ.