ޚާއްޞައެހީ އަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭނެ މުދައްރިސުން ތަމްރީނުކުރަން އިޢުލާނުކޮށްފި

06 އޯގަސްޓު 2025
...

މުދައްރިސުން ތަމްރީނު ކުރުމުގެ ޤައުމީ ޕްރޮގްރާމުގެ ދަށުން، އުނގެނުމުގައި ޚާއްޞައެހީ އަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދިނުމަށް ޓަކައި، މުދައްރިސުން ތަމްރީނު ކުރުމުގެ ޑިޕޮލޮމާ ކޯހެއް އިޢުލާނުކޮށްފިއެވެ. 

އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތު އޮތީ 2025 އޮގަސްޓް 06 ވީ ބުދަ ދުވަހު، އިސްލާމިކް ޔުނިވަރސިޓީގެ އޮޑިޓޯރިއަމްގައެވެ.

ޑިޕޮލޮމާ ކޯހުގެ ބޭނުމަކީ ޚާއްޞައެހީ އަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭނެ މުދައްރިސުންގެ ދަތިކަން މުޅި ރާއްޖެއަށް ވެސް ކުރިމަތިވެފައިވާތީ އާއި އެފަދަ ކުދިންނަށް ކިޔަވައިދެވޭނީ، ކަމުގެ ވައްޓަފާޅި އާއި އުކުޅުތަކާއި ހުނަރުތައް ފުރިހަމައަށް ލިބިފައިވާ މުދައްރިސުންތަކެއް ތަމްރީނުކޮށްގެން ކަމަށްވާތީ، އެކަން ހައްލު ކުރުމަށް ކަމަށް މިނިސްޓަރ ގެ ވާހަކަފުޅުގައި ވިދާޅުވެފައިވެއެވެ.

ކޯހުގެ ސަބަބުން އެއް އަހަރުގެ ޑިޕޮލޮމާ އަކާއެކު ޓީޗިންގ ކެރިއަރ ފެށި އެތައް މުދައްރިސުންނަކާއި ފަންނީ އެތައް ބަޔަކު އުފެދި، ދަރިވަރުންނަށާއި ޤައުމަށް އޭގެ ފައިދާ ލިބިގެން ދާނޭކަމަށް ވެސް މިނިސްޓަރ ގެ ވާހަކަފުޅުގައި އަލިއަޅުވާލާފައިވެއެވެ.

ކޯހުގައި ކިޔަވާ ދަރިވަރުންނަށް ކޯސް ފީ އާއި ޕޮކެޓްމަނީގެ ގޮތުގައި 1500 ރުފިޔާގެ އެލަވަންސެއް ހަމަޖެހިހެންދާނޭ ކަމަށާއި ލިބިފައިވާ މި ފަހި ފުރުޞަތުގައި ވީހާވެސް ގިނަ ކުދިން، ކޯހުގައި ބައިވެރިވުމަށް މިނިސްޓަރ ވަނީ އެދިވަޑައިގެންފައެވެ.

ކޯސްތައް ފަރުމާކުރައްވާއިރު ނޭޝަނަލް ކަރިކިއުލަމަށް ފެތޭގޮތަށް ފަރުމާކުރެއްވުމަށް، އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާއީލް ޝަފީޢު ޔުނިވަރސިޓީތަކަށް އިލްތިމާސްކުރެއްވިއެވެ.