ޢިމާދުއްދީން ސްކޫލްގެ 25 ވަނަ އަހަރީ ދުވަހުގެ ޚާއްޞަ ރަސްމިއްޔާތު މިނިސްޓަރ ޝަރަފުވެރިކޮށްދެއްވައިފި

06 ސެޕްޓެމްބަރު 2026

ޢިމާދުއްދީން ސްކޫލްގެ 25 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާްއްޞަ ރަސްމިއްޔާތު މިނިސްޓަރ، ޑރ.އިސްމާޢިލް ޝަފީޢު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ވަނީ އިމާދުޢްދީން ސްކޫލަށް އެކި ގޮތްގޮތުން ޚިދުމަތްކުރެއްވި އެންމެހާ މުވައްޒަފުންނާއި، އެ ސްކޫލުން ތަޢުލީމު ޙާޞިލުކުރި އެންމެހާ ދަރިވަރުންނާއި، އެ ދަރިވަރުންގެ ބެލެނިވެރީންނަށް އަހަރީ ދުވަހުގެ ތަހުނިޔާ ދަންނަވައިފައެވެ. އަދި އެ ސްކޫލުގެ ނަން ނިސްބަތްވަނީ ރާއްޖޭގެ ތާރީޚުގައި ފަޚުރުވެރިވާ ފަދަ ޚިދުމަތްތަކެއް ކޮށްދެއްވި ޢިމާދުއްދީން ރަސްގެފާނަށް ކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، ޤައުމަށް ޚިދުމަތްކުރެއްވި ކާބަފައިންގެ ޒިކުރާ މިފަދަ ސްކޫލްތަކަށް ނަންދީގެން އާކުރުމަކީ، ދަރިވަރުން އެ ބޭފުޅުންގެ ފަރާތުން ހިތްވަރު ލިބި، ޤައުމީ ރޫޙުގައި ކުރިއަށްދިއުމަށް މަގުފަހިވެގެންދާނެ ކަމެއްކަމަށެވެ.

މި ރަސްމިއްޔާތުގައި ސްކޫލަށް ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ ބޭފުޅުންގެ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލާ އަރުވާފައިވެއެވެ. އަދި ސްކޫލްގެ ހައުސްތަކުގެ އައު ދިދަ އިފުތިތާހުކޮށް، އެ ސްކޫލްގެ ބައެއް ދަރިވަރުން ލިޔެފައިވާ ފޮތްތައްވެސް ވަނީ މި ރަސްމިއްޔާތުގައި ނެރެދެއްވާފައެވެ.