"އައިޓެކް" ދުވަސް ފާހަގަކުރުމަށް ދިވެހިރާއްޖޭގައި ހުންނަ އިންޑިޔާގެ ހައި ކޮމިޝަނުން ބޭއްވި ރަސްމިއްޔާތު މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީއު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
އިންޑިއަން ޓެކްނިކަލް އެންޑް އިކޮނޮމިކް ކޯޕަރޭޝަން (އައިޓެކް) ޕްރޮގްރާމަކީ 1964 ވަނަ އަހަރު އިންޑިއާ ސަރުކާރުގެ ފަރާތުން އިފުތިތާހުކުރި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް މެދުވެރިކޮށް އެކި ދާއިރާތަކާއި ގުޅޭ މުހިއްމު ތަމްރީނު ފޯރުކޮށްދިނުމާއި މީހުންގެ ހުނަރުތައް ތަރައްޤީކުރުމުގެ އިތުރުން ބައިނަލްއަޤްވާމީ ފެންވަރުގައި ގުޅިގެން މުޖުތަމަޢުއަށް ފައިދާ ހުރި އެތައް މަސައްކަތްތަކެއް ވަނީ ކުރިއަށްގެންގޮސްފައެވެ. އެގޮތުން އެކި ޤައުމުތަކުގެ މީހުންނަށް ތަޢުލީމީ ދާއިރާ، ސިއްޚީ ދާއިރާ، އިންޖީނިއަރިންގ ދާއިރާ، އިންޕޮރމޭޝަން ޓެކްނޮލޮޖީ ދާއިރާ، ގަވަރނެންސް އަދި ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާ އިން ތަމްރީނު ހާޞިލުކުރުމުގެ ފުރުޞަތުތައް މި ޕްރޮގްރާމްގެ ދަށުން ވަނީ ފޯރުކޮށްދީފައެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ވިދާޅުވީ ދިވެހީންގެ ހުނަރުތަކާއި ޤާބިލިއްޔަތުތައް ތަރައްޤީކުރުމަކީ މި ސަރުކާރުން ވަރަށް ހާއްސަ އިސްކަންދޭކަމެއް ދޭ ކަމެއް ކަމަށެވެ. އެގޮތުން ފަންނީ އަދި މަސައްކަތްތެރިކަމުގެ ތަޢުލީމު ފުޅާކުރުމަށް މަސައްކަތް ކުރައްވާކަމަށާއި، އެ މަސައްކަތުގެ ތެރެއިން ރާއްޖޭގެ ފުރަތަމަ ވޮކޭޝަނަލް ހައި ސުކޫލު ހުޅުވުމާއި، އަތޮޅުތަކުގައި ޓިވެޓް ސެންޓަރުތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާ ކަން ފާހަގަކުރެއްވިއެވެ. އަދި އައިޓެކްގެ ތަމްރީނު ޕްރޮގްރާމްތައް މެދުވެރިކޮށް ގިނަ ދިވެހީންނަށް ޕްރޮފެޝަނަލް ޑިވެލޮޕްމަންޓްގެ ފުރުޞަތުތަކެއް ލިބިގެންގޮސްފައިވާ ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން މިނިސްޓަރ ވިދާޅުވި ގޮތުގައި މި ރަސްމިއްޔާތަކީ ދިވެހިރާއްޖެއާއި އިންޑިއާ އާ ދެމެދު ޚާރިޖީ ގުޅުންތައް ގާއިމުކުރިތާ 60 އަހަރު ފުރުން ފާހަގަކުރުމާއި, ދެ ޤައުމުގެ ދެމެދުގައި އޮންނަ ގާތްގުޅުން ފާހަކަކުރުމަށް ބާއްވާ ރަސްމިއްޔާތެއް ކަމެށެވެ.