މުހްޔިއްދީން ސްކޫލްގެ އިނާމު ދިނުމުގެ ޖަލްސާ، މިނިސްޓަރ ޝަރަފުވެރިކޮށްދެއްވައިފި

22 ނޮވެމްބަރު 2026

މުހްޔިއްދީން ސްކޫލްގެ 2024 އަދި 2025 ވަނަ އަހަރީ އިނާމު ދިނުމުގެ ޖަލްސާ މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ޝަރަފުވެރިކޮށްދެއްވައިފިއެވެ.  

މި ޖަލްސާގައި މިނިސްޓަރގެ އިތުރުން މިނިސްޓްރީގެ އިސްވެރީންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. 

މި ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ވަނީ އިނާމު ލިބުނު ދަރިވަރުންނަށް މަރުހަބާ ދަންނަވާފައެވެ. އަދި ކިޔެވުމުގެ އިތުރުން، ދަރިވަރުންނަކީ އަހުލާގު ރަނގަޅު، މީހުންނަށް އިހުތިރާމުކުރާ، އިސްލާމީ ވާޖިބުތައް އަދާކުރުންމަތީ ދެމިތިބޭ ބަޔަކަށް ވުމަށް މިނިސްޓަރ އިލްތިމާސްކުރެއްވިއެވެ. 

މުހްޔިއްދީން ސްކޫލް ހޯލުގައި ބޭއްވި މި ރަސްމިއްޔާތުގައި، 2024 އަދި 2025 ވަނަ އަހަރުގެ އެންމެ ރަނގަޅު ނަތީޖާ ހޯދި ދެ ދަރިވަރުންނަށް އިނާމު ހަވާލުކޮށްދެއްވީ މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢުއެވެ. 

2024 ވަނަ އަހަރު މުހްޔިއްދީން ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ އަޙްމަދު ޒައިން މުޢުތަސިމްއެވެ. ޒައިން ވަނީ 2024 ވަނަ އަހަރުގެ މަތީ ސާނަވީ ނިންމާ އިމްތިހާނުތަކުން ގައުމީ ގަދަ 10 އެއްގެ 1 ވަނަ ހާސިލުކޮށްފައެވެ. މީގެ އިތުރުން، އިނގިރޭސި އަދި ހިސާބުން މުޅި ދުނިޔެއިން އެއްވަނަ އަދި އިނގިރޭސި މާއްދާއާއި ހިސާބުގެ އިތުރުން ފިޒިކްސްއިން މުޅި ރާއްޖެއިން އެއްވަނަ ހޯދާފައިވެއެވެ.

2025 ވަނަ އަހަރު މުހްޔިއްދީން ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ އެލީޝާ އަޙްމަދު އަބްދުލް ޝުކޫރެވެ. އެލީޝާ ވަނީ މަތީ ސާނަވީ ނިންމާ އިމްތިހާނުތަކުން ގައުމީ ގަދަ 10 އެއްގެ 6 ވަނަ ހާސިލްކޮށްފައެވެ.