މުދައްރިސުންނާއި ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ފަންނީ މުއައްޒަފުންނަށް އަމާޒުކޮށް ބާއްވާ 8 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް މިއަދު ފަށައިފިއެވެ.
މިއީ ކޮންމެ ދެ އަހަރުން އެއް އަހަރު ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ ކޮންފަރެންސްއެކެވެ. ޝަހީދު ޢަލީ ސްކޫލުގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ހަރުދަނާ ތަޢުލީމީ ސިސްޓަމެއް ޤާއިމްކުރުމަށް ދަރިވަރުންގެ ކާމިޔާބީ ވަޒަންކުރުމުގައި ހަމައެކަނި ޖަހާ މިނަކީ އިމްތިހާނުތަކުގެ ނަތީޖާއަށް ވެގެން ނުވާނޭކަމަށް ވިދާޅުވެފައެވެ. އެގޮތުން، ޓެކްނިކަލް އަދި ވޮކޭޝަނަލް ތަމްރީނަކީ ސިނާޢަތްތަކާއި، އީޖާދީ ވިސްނުންތަކާއި، ވިލުންތެރި އިޤްތިޞާދެއް ޤާޢިމްކުރުމަށް މުހިންމު ކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެކަމަށްޓަކައި، ދަރިވަރުންގެ ބެކްގްރައުންޑާއި، ޤާބިލުކަމާއި، ކަންކަން ދަސްކުރުމުގައި ހުރި ދަތިތަކަށް ހައްލުހޯދައިދޭ އިންކްލޫސިވް ކްލާރޫމްތަކެއް ހުރުމުގެ މުހިންމުކަމަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.
މިއަހަރުގެ ކޮންފަރެންސް އަށް ކަނޑައަޅާފައިވާ ތީމްއަކީ:
"Reimagining, Rethinking, Reforming - Advancing Innovation for an Equitable and Resilient Future"
މި ތީމްގެ ދަށުން މި ކޮންފަރެންސްގައި 106 ފަރާތަކުން ޖުމްލަ 70 ޕްރެޒެންޓޭޝަން ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ.
މި ތީމްއަށް ބިނާކޮށް ބާއްވާ މި ކޮންފަރެންސްގައި ބައިވެރިވުމަށް ޖުމްލަ 300 ފަރާތަކުން ރަޖިސްޓްރީކޮށްފައިވާއިރު، މީގެ ތެރޭގައި ދިވެހިރާއްޖޭގެ އިތުރުން ސްރީލަންކާ، ޕާކިސްތާން، އީޖިޕްޓް، އޮސްޓްރޭލިޔާ އަދި އިންޑިޔާގެ ތަޢުލީމީ ފަންނީބޭފުޅުން ހިމެނެއެވެ.
މި ކޮންފަރެންސްގައި 106 ފަރާތަކުން ޖުމްލަ 70 ޕްރެޒެންޓޭޝަން ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި 2 ކީނޯޓް ސްޕީޗާއި 2 ޕެނަލް ޑިސްކަޝަންގެ އިތުރުން، ޚާއްޞަ ވޯކްޝޮޕްތަކާއި އިންކްލޫސިވް އެޑިޔުކޭޝަނާ ގުޅޭ ކޭސް ސްޓަޑީ ޕްރެޒެންޓޭޝަންތައް ވެސް މި ދެ ދެވަހު ކުރިއަށްދާނެއެވެ.