ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރެއިނިންގ (ޓިވެޓް) ދާއިރާކުރިއެރުވުމަށް، ދިވެހިރާއްޖެއާއި ޗައިނާގެ ސަރުކާރާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މި ފަހުމުނާމާގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ޑރ. އަޙްމަދު މުޙައްމަދެވެ. އަދި ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ ވައިސް މިނިސްޓަރ އޮފް އެޑިޔުކޭޝަން ވެންގް ގުއަންގިޔަން އެވެ.
މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ ޓިވެޓް ދާއިރާ ހަރުދަނާކުރުމަށްޓަކައި ދެ ޤައުމުން ގުޅިގެން ކުރާ މަސައްކަތްތައް އިތުރުކުރުމެވެ. އަދި މި އެއްބަސްވުމުގެ ދަށުން ކެޕޭސިޓީ އިތުރުކުރުމާއި، ހުނަރުތައް ތަރައްޤީކުރުމުގެ އިތުރުން، ދެ ޤައުމުގެ މެދުގައި ބެސްޓް ޕްރެކްޓިސްތައް ހިއްސާކުރުމާއި، ދިވެހިރާއްޖޭގެ ވޮކޭޝަނަލް ތަޢުލީމު ފުޅާކުރުމަށް އެކި މުއައްސަސާތައް ގުޅިގެން ކުރާ މަސައްކަތްތައް އިތުރުކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.
މިފަދަ ފަހުމުނާމާއެއްގައި ސޮއިކުރެވިގެން ދިއުމަކީ ޓެކްނިކަލް އަދި ވޮކޭޝަނަލް އެޑިޔުކޭޝަންގެ ފުރުޞަތުތައް އިތުރުކޮށް، ފަންނުވެރި ޖީލެއް ބިނާކުރުމަށްޓަކައި ދިވެހިރާއްޖެއާއި ޗައިނާއާ ގުޅިގެން ކުރެވޭ މަސައްކަތުގައި ކުރިއަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޗައިނާގެ ޓިއަންޖިންގައި ކުރިއަށްދިޔަ ވޯލްޑް ވޮކޭޝަނަލް އެންޑް ޓެކްނިކަލް އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ކޮންފަރަންސް 2026 ނިންމުމުގެ ރަސްމިއްޔާތުގައެވެ. އޮކްޓޫބަރު މަހުގެ 16-17 އަށް ޗައިނާގެ ޓިއަންޖިންގައި ކުރިއަށްދިޔަ މި ކޮންފަރެންސްގައި ދިވެހިރާއްޖެ ތަމްޞީލްކުރެއްވީ ސްޓޭޓް މިނިސްޓަރ ޑރ، އަޙްމަދު މުޙައްމަދު އަދި ޑެޕިއުޓީ މިނިސްޓަރ އައިމިނަތު މާރިޔާއެވެ. މި ކޮންފަރެންސްގައި 45 ޤައުމަކުން ވަނީ ބައިވެރިވެފައެވެ.