އެމް.އެން.ޔޫ.އެސް.ޔޫގެ ވާހަކަދެއްކުމާއި ބަހުސް މުބާރާތް ނިންމުމުގެ ރަސްމިއްޔާތު، މިނިސްޓަރ ޝަރަފުވެރިކޮށްދެއްވައިފި

12 އޮކްޓޯބަރު 2026

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޖަމްޢިއްޔާ - އެމް.އެން.ޔޫ.އެސް.ޔޫ އިން އިސްނަގައިގެން އައްޑޫ ސިޓީ އަދިފުވައްމުލައް ސިޓީގެ ސްކޫލުތަކާއި މުއައްސަސާތަކަށް ޚާއްޞަކޮށްގެން ކުރިއަށްގެންދިޔަ ވާހަކަދެއްކުމުގެ މުބާރާތާއި ބަހުސް މުބާރާތް ނިންމުމުގެ ރަސްމިއްޔާތު، މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރގެ އިތުރުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މަޙްމޫދު ޝައުޤީ އާއި މި މިނިސްޓްރީގެ ފަރާތުން ސްޓޭޓް މިނިސްޓަރ ޙުސައިން ސަޢީދު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. 

"އައްޑޫ ބޮޑު ފަނޑިޔާރު ތަކުރުފާނުގެ ވާދައިގެ ތައްޓަށް ބާއްވާ ވާހަކަދެއްކުމުގެ މުބާރާތް" އަދި "އައްޝައިޚް ޙުސައިން ޝަރަފުއްދީނުގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވާ ބަހުސް މުބާރާތް" ގެ ނަމުގައި އެމް.އެން.ޔޫ.އެސް.ޔޫ އިން ކުރިއަށްގެންދާ މި މުބާރާތްތަކަކީ ދަރިވަރުންގެ ކިބައިގައި ވާހަކަދެއްކުމާއި ބަހުސްކުރުމުގެ ހުނަރުތައް ތަރައްޤީކުރުމުގެ މަޤްޞަދުގައި، އެމް.އެން.ޔޫ.އެސް.ޔޫ އިން ބާއްވާ މުބާރާތްތަކެކެވެ. މިއަހަރު މި މުބާރާތްތައް ބާއްވާފައި ވަނީ ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއާއި، ދިވެހިބަހުގެ އެކެޑަމީއާއި، އައްޑޫ ސިޓީ ކައުންސިލް އަދި ސޮސައިޓީ އޮފް ޝަރީއާ އެންޑް ލޯ ގުޅިގެންނެވެ.  

މިއަހަރުގެ ވާހަކަދެއްކުމުގެ މުބާރާތުގައި އައްޑޫ ސިޓީއާއި އާއި ފުވައްމުލައް ސިޓީގެ 14 ސްކޫލަކުން ޖުމްލަ 138 ދަރިވަރުންބައިވެރިވިއެވެ.