ވޯލްޑް ވޮކޭޝަނަލް އެންޑް ޓެކްނިކަލް އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ކޮންފަރެންސް 2026ގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެ

18 އޮކްޓޯބަރު 2026

ޗައިނާގައި ކުރިއަށްދިޔަ ވޯލްޑް ވޮކޭޝަނަލް އެންޑް ޓެކްނިކަލް އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ކޮންފަރެންސް 2026 ގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.

މި މިނިސްޓްރީގެ ފަރާތުން މި ކޮންފަރެންސްގައި ބައިވެރިވީ ސްޓޭޓް މިނިސްޓަރ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. އަޙްމަދު މުޙައްމަދު އަދި ޑެޕިއުޓީ މިނިސްޓަރ އާމިނަތު މާރިޔާއެވެ.

އޮކްޓޫބަރު މަހުގެ 16-17 އަށް ކުރިއަށްދިޔަ މި ކޮންފަރެންސްގައި ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރެއިނިންގ (ޓިވެޓް) ދާއިރާކުރިއެރުވުމަށް، ދިވެހިރާއްޖެއާއި ޗައިނާގެ ސަރުކާރާއި ދެމެދު ފަހުމުނާމާއެއްގައި ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ ޓިވެޓް ދާއިރާ ހަރުދަނާކުރުމަށްޓަކައި ދެ ޤައުމުން ގުޅިގެން ކުރާ މަސައްކަތްތައް އިތުރުކުރުމެވެ. އަދި މި އެއްބަސްވުމުގެ ދަށުން ކެޕޭސިޓީ އިތުރުކުރުމާއި، ހުނަރުތައް ތަރައްޤީކުރުމުގެ އިތުރުން، ދެ ޤައުމުގެ މެދުގައި ބެސްޓް ޕްރެކްޓިސްތައް ހިއްސާކުރުމާއި، ދިވެހިރާއްޖޭގެ ވޮކޭޝަނަލް ތަޢުލީމު ފުޅާކުރުމަށް އެކި މުއައްސަސާތައް ގުޅިގެން ކުރާ މަސައްކަތްތައް އިތުރުކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.

މީގެ އިތުރުން ސްޓޭޓް މިނިސްޓަރ ޑރ. އަޙްމަދު މުޙައްމަދު ވަނީ މި ކޮންފަރެންސްގައި ކުރިއަށްދިޔަ މިނިސްޓީރިއަލް ރައުންޑް ޓޭބަލްގައި ބައިވެރިވެ ވަޑައިގެންފައެވެ. މި މިނިސްޓީރިއަލް ރައުންޑް ޓެބަލްގައި ރާއްޖެ ހިމެނޭހެން 45 ޤައުމަކުން ވަނީ ޗައިނާގެ އިސްނެގުމާއެކު ތަރައްޤީކުރި ވޯލްޑް ވޮކޭޝަނަލް އެންޑް ޓެކްނިކަލް އެޑިޔުކޭޝަން ސްޓެންޑާޑްސްގެ ފްރޭމްވޯކް (ބެއިޖިންގ އެގްރީމެންޓް)، ނެރެދެއްވާފައެވެ.