ސިޕްކާ ޕްރޮޖެކްޓްގެ ދަށުން ކުރިއަށްގެންދިޔަ ތަޖުރިބާ ދަތުރު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ފެބްރުއަރީ 17 އިން 22 އަށް ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ކުރިއަށް ދިޔަ މި ތަޖުރިބާ ދަތުރުގައި ދިވެހިރާއްޖޭގެ 10 ސްކޫލެއްގެ މުދައްރިސުންނާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އިސް ބޭފުޅުން، އަދި ޕާޓްނަރ ޤައުމުތައް ކަމުގައިވާ ސްރީލަންކާ އަދި ޕާކިސްތާނުގެ ބައިވެރިން ހިމެނޭހެން ޖުމްލަ 51 ބައިވެރިން ބައިވެރިވިއެވެ.
މި ދަތުރުގެ ބައިވެރިން ވަނީ އިސްލާމްއާބާދުގެ 16 ސްކޫލެއްގައި ޗައިލްޑް-ޓު-ޗައިލްޑް (ސީޓީސީ) މޮޑެލް ތަންފީޒުކުރެވޭ ގޮތް ދިރާސާކޮށްފައެވެ. މީގެ ސަބަބުން ބައިވެރިންނަށް މި މޮޑެލް ތަންފީޒުކުރާނެ ގޮތުގެ ޢަމަލީ ތަޖުރިބާ ލިބި، ސްކޫލްތަކުގެ މެނޭޖްމަންޓާއި މުދައްރިސުންނާ ބައްދަލުކޮށް، ދޮށީ އަދި ހަގު ދަރިވަރުންގެ މެދުގައި އޮންނަ ގުޅުން ދެނެގަތުމުގެ ފުރުޞަތު ލިބިގެންދިޔައެވެ.
އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ އިސްނެގުމުގެ ދަށުން ހިންގޭ ސިޕްކާ (ސްކޭލިންގ އިމްޕެކްޓް އޮފް އަ ޕްލޭ-ބޭސްޑް ޗައިލްޑް ޓު ޗައިލްޑް އެޕްރޯޗް ޓު މޭކް ޕްރީ-ސްކޫލް ޓު ޕްރައިމަރީ ސްކޫލް ޓްރާންސިޝަން ފަން އެންޑް އިންކްލޫސިވް) އަކީ ގްލޯބަލް ޕާޓްނަރޝިޕް ފޮރ އެޑިޔުކޭޝަން ނޮލެޖް އެންޑް އިނޮވޭޝަން އެކްސްޗޭންޖް - ޖީޕީއީކިކްސް އާއި އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ރިސާރޗް ސެންޓަރ- އައިޑީއާރްސީ ގެ މާލީ އެހީތެރިކަމާއެކު ކުރިއަށްދާ ޕްރޮޖެކްޓެކެވެ.