ކުރިއަށް އޮތް ދިރާސީ އަހަރަށް އެއްރަށުން އަނެއްރަށަށް ބަދަލުވާ ދަރިވަރުން ސްކޫލު ބަދަލުކުރުމުގެ ކަންތައް އަވަހަށް ނިންމުމަށް މިނިސްޓްރީން އިލްތިމާސްކޮށްފި

11 ފެބްރުއަރީ 2025
...

ކުރިއަށް އޮތް ދިރާސީ އަހަރު ފެށުމުގެ ކުރިން، އެކަށީގެންވާ ވަގުތު އޮއްވާ ދަރިވަރުން ސްކޫލުތަކަށް ވެއްދުމުގެ މަސައްކަތް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ގެންދަނީ ދުރާލާ ކުރަމުންނެވެ. މިގޮތުން، 2025 ވަނަ އަހަރުގެ ދިރާސީ އަހަރަށް ދަރިވަރުން ކިޔަވަމުންދާ ސްކޫލުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުކުރާނަމަ، އެކަމަށް އެދުމުގެ ފުރުޞަތު ހުޅުވާލާފައި ވަނީ 06 މާރިޗް 2025 ގެ ނިޔަލަށެވެ. 

ދަރިވަރުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުވުމަށް އެދޭނަމަ، "ދަރިވަރު ކިޔަވަމުން އަންނަ ސްކޫލުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުކުރުމަށް އެދޭ ފޯމު" ބެލެނިވެރިޔާ ހުށަހަޅަންޖެހޭނީ މިހާރު ދަރިވަރު ތަޢުލީމު ޙާޞިލުކުރަމުން އަންނަ ސްކޫލަށެވެ. މި ފޯމު މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ވެބްސައިޓުން ލިބޭނެއެވެ.

2025 ވަނަ އަހަރުގެ ދިރާސީ އަހަރު ފެށެނީ ރަމަޟާން މަހުގެ ފަހު ދިހައިގެ ބަންދު ދުވަސްތަކާއި ފިތުރު ޢީދުގެ ބަންދު ދުވަސްތަކަށްފަހު ކަމަށްވާތީ، ރަމަޟާން މަހުގެ 15 ވަނަ (15 މާރިޗު 2025) ދުވަހުގެ ކުރިން ދަރިވަރުން ސްކޫލަށް ވެއްދުމާ ގުޅުން ހުރި ހުރިހާ މަސައްކަތެއް ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން، މި ދުވަސްވަރަކީ ދަރިވަރުންގެ އިމްތިޙާނާއި އެސެސްމެންޓްތައް އަދި ދަރިވަރުންގެ ރިޕޯޓް ފޯމު ތައްޔާރުކުރާ ދުވަސްވަރަށްވުމުން، މި ހިނގާ 2024 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ބާކީ ދުވަސްކޮޅުގެ ތެރޭގައި ދަރިވަރުން އެއްރަށެއްގެ ސްކޫލުން އަނެއް ރަށުގެ ސްކޫލަށް ބަދަލުވުމުގެ ކަންތައްތައް ކުރިއަށް ނުގެންދާނެކަން މިނިސްޓްރީން ވަނީ ސްކޫލުތަކަށް އަންގާފައެވެ.

2025  ވަނަ އަހަރުގެ ދިރާސީ އަހަރަށް އެއްރަށުން އަނެއްރަށަށް ބަދަލުވާ ދަރިވަރުން ސްކޫލު ބަދަލުކުރުމަށް އެދުމުގެ ސުންގަޑި: 06 މާރިޗް 2025 ގެ މެނދުރު 2:00 އަށް