ސާނަވީ ނިންމާ އިމްތިޙާނުތަކުގައި ބައިވެރިވާ ދަރިވަރުންނަށް މިނިސްޓަރ ހިތްވަރުދެއްވައިފި

20 އޭޕްރީލު 2025
...

މިއަހަރުގެ ސާނަވީ ނިންމާ އިމްތިޙާނުތައް މިއަދު ފެށުމާ ގުޅިގެން، އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިސްމާއިލް ޝަފީއު ވަނީ ދަރިވަރުންނަށް ހިތްވަރުދެއްވައި، ހެޔޮ އެދުންތައް ފާޅުކުރައްވާފައެވެ.

މިނިސްޓަރގެ ފޭސްބުކްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ، މިއަހަރުގެ ސާނަވީ އިމްތިޙާނުތަކުގައި ބައިވެރިވާ ދަރިވަރުންނަށް ކާމިޔާބު މިންވަރުކޮށްދެއްވުމަށް އެދި މާތް ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުގައި ދުޢާ ދަންނަވާ ކަމަށެވެ. 

މާތް ﷲގެ ޙަޟުރަތުގައި ދުޢާ ކުރުމަށާއި، މުދައްރިސުން ދެއްވާފައިވާ އިރުޝާދުތަކާ އެއްގޮތަށް ފިލާވަޅުތައް ދަސްކުރުމަށް މިނިސްޓަރގެ ޕޯސްޓްގައި ވިދާޅުވެފައިވެއެވެ. އަދި މައިންބަފައިންގެ ބަސްއަހާ ކިޔަމަންތެރިވުމަށާއި ބިސްމީގެ ބަރަކާތުން އިމްތިޙާނު ކަރުދާހަށް ޖަވާބުދޭން ފެށުމަށް ވެސް އިރުޝާދު ދެއްވާފައިވެއެވެ.

މިއަދުގެ މިފެށޭ އިމްތިޙާނުތަކުގައި ދިވެހިރާއްޖޭގެ ސްކޫލުތަކުން 7971 ދަރިވަރުން ބައިވެރިވާއިރު ރާއްޖޭގެ 260 ސެންޓަރެއްގައި އިމްތިހާނު ހެދުމަށް ވަނީ ހަމަޖެހިފައިވެއެވެ. އެއީ މާލެ ސަރަޙައްދުގެ 23 ސެންޓަރަކާއި، އަތޮޅު ތެރޭގެ 237 ސެންޓަރެކެވެ.

މިއަހަރު އެންމެ ފުރަތަމަ އޮންނާނީ އިސްލާމީ ތަރުބިއްޔަތު މާއްދާގެ ފުރަތަމަ ޕޭޕަރެވެ. މި އިމްތިޙާނުތައް ޖޫން މަހުގެ 11 ގެ ނިޔަލަށް ކުރިއަށްދާނެއެވެ.