ތަޢުލީމުގައި ވާދަވެރިކަމުގެ ބަދަލުގައި އެކުވެރިކަމާއި އެއްބާރުލުން އިސްކުރުމަށް އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން (ސީ.އެޗް.އެސް.އީ) – މާލޭގައި ބޭއްވި ޚާއްސަ އެސެމްބްލީގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ކުޅިވަރުގައި އެއް ޓީމުން އަނެއް ޓީމު ބަލިކޮށް 1 ވަނަ ހޯދި ކަމުގައިވިޔަސް، ތަޢުލީމަކީ އެއް ސްކޫލުން އަނެއް ސްކޫލް ބަލިކޮށް، ނުވަތަ އެކުގައި މަސައްކަތްކުރާ ކުއްޖާ ދަށްކޮށްލާފަ ކުރިޔަށްދާ ފަދަ ކަމެއް ނޫންކަމަށެވެ. އަދި ކުޅިވަރާ ޚިލާފަށް ތަޢުލީމުގައި ގިނަ ދަރިވަރުންނަށް ކާމިޔާބު ހޯދުމުގެ ފުރުޞަތު އޮންނަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން ކިޔެވުމުގެ ވާދާއިގަ އެކަކު އަނެކަކަށް އެހީތެރިވެ، ރަހުމަތްތެރިން ފެއިލް ވާތަން ފެންނަ ނަމަ އެހީތެރިވެ، ދެވެން އޮތް ސަޕޯޓެއް ދިނުމަށް މިނިސްޓަރ އިލްތިމާސްކުރެއްވިއެވެ.
ދަރިވަރުންގެ މެދުގައި އެކި ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ކުދިން ތިބޭއިރު ދަރިވަރުންނަށް ޕޮޒިޓިވް މާޙައުލެއް ބައްޓަންކުރުމަށް ސްކޫލާއި، ރައްޓެހިންނާއި، މުދައްރިސުންނާއި މުޅި މާޙައުލު ހިމެނޭ ގޮތަށް ހުރިހާ ދަރިވަރުން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ވަކިން ޚާއްޞަކޮށް، ކިޔެވުމުގެ ބުރަ އަގުހުރި މަސައްކަތުގައި އުޅޭއިރު، ދުނިޔޭގެ ކަންތައްތައް ހިނގާ ގޮތާއި، ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކާއި، އެކި ދަރިވަރުންނަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ސަމާލުކަން ދިނުމުގެ މުހިންމުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ނިންމަވާލައްވަމުން، އޭލެވެލްގައި ކިޔަވަމުންދާ ދަރިވަރުންނަކީ ރާއްޖޭގެ އެންމެ ޤާބިލު ދަރިވަރުންގެ ތެރޭގައި ހިމެނޭ، އަދި ޤައުމުގެ މުސްތަޤްބަލު ބިނާކުރުމުގައި އިސް ދައުރެއް އަދާކުރާނެ ބައެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.