ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރ ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެފައިވަނީ، ތަޢުލީމީ ދާއިރާގެ މަޝްރޫޢުތައް ރޭވިފައިވާ ގޮތުގެ މަތިން ކުރިއަށްދާ ކަމަށެވެ. މިގޮތުން، ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅުތަކާ އެއްގޮތަށް، އުމްރާނީ ތަރައްޤީގެ މަސައްކަތްތަކާއި، "ކޫލް ސްކޫލް" މަޝްރޫޢު އަދި އެހެނިހެން ޕްރޮގްރާމްތައް ތަންފީޒުކުރަމުންދާ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިގޮތުން "ކޫލް ސްކޫލް އޭސީ މަޝްރޫޢު" ގެ ދަށުން، ސްކޫލްތަކުގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވިގޮތުގައި ގިނަ ސްކޫލުތަކުގެ ކަރަންޓު ވިއުގައިގެ މައްސަލަ ދިމާވާކަމަށާއި، އޭގެ ތެރެއިން ބައެއް ސްކޫލުތަކަކީ 30 އަހަރާއި 40 އަހަރު ވެފައިވާ ސްކޫލްތައްކަން މިނިސްޓަރ ފަހަގަކުރެއްވިއެވެ. އެހެން ނަމަވެސް، ކިޔަވައިދިނުމުގެ މަސައްކަތަށް ބުރޫއަރާފަދަ ކަމެއް ދިމާވެއްޖެނަމަ، އެކަމެއް މި މަޝްރޫޢުގެ ތެރެއިން ނޫނަސް ޙައްލުކުރަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ހާމަކުރެއްވި ގޮތުގައި، އެޑިޔުކޭޝަން މިނިސްޓްރީން ކުރީގެ ސަރުކާރުން ދައްކަންޖެހޭ ފައިސާގެ ތެރެއިން 17 މިލިއަން ރުފިޔާ ފިޔަވައި އެހެން ހުރިހާ ފައިސާއެއްވަނީ ދައްކާ ނިންމާފައެވެ.