މިނިސްޓްރީއާއި ސްކޫލުތައް ގުޅިގެން ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް މިއަހަރު ބާއްވާ ޙަރަކާތްތަކުގެ ތެރެއިން, ގްރޭޓާރ މާލޭގެ 5 ސަރަހައްދެއްގައި ކުޑަކުދިންގެ ހަވީރުތައް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
10 މޭ 2025 ވާ ހޮނިހިރު ދުވަހު ބާއްވާ މި ކުޑަކުދިންގެ ހަވީރުތައް ކުރިއަށް ދާނީ 16:00 އިން 18:00 އާ ހަމައަށެވެ.
އެގޮތުން މާލޭގައި ކުޑަކުދިންގެ ހަވީރުތައް ބޭއްވުމަށް ހަމަޖެހިފައިވާ ސަރަޙައްދުތަކަކީ ރަސްފަންނު، ހެންވޭރު ދަނޑު، ސަލްޓަން ޕާކު އަދި ޖުމްހޫރީ މައިދާނެވެ. ހުޅުމާލޭގައި ބާއްވާ ހަވީރު އޮންނާނީ ސެންޓްރަލް ޕާކުގައެވެ. އަދި ވިލިމާލޭގައި ބާއްވާ ހަވީރު އޮންނާނީ މުޙްޔިއްދީން ސްކޫލުގައެވެ.
ޝައުޤުވެރި އެކި ކަހަލަ ކުޅިވަރުތަކާއި މުނިފޫހިފިލުވުމުގެ ޙަރަކާތްތައް ހިމެނޭ މި ކުޑަކުދީންގެ ހަވީރުތައް ރާވާ އިންތިޒާމުކުރަނީ އެކި ސްކޫލުތައް ޓީމުތަކަކަށް ބަހަލާއިގެންނެވެ. އެ ޓީމުތަކަކީ
1. ރަސްފަންނު – ތާޖުއްދީން ސްކޫލް، ސީ.އެޗް.އެސް.އީ - މާލެ އަދި ހިރިޔާ ސްކޫލް
2. ހެންވޭރު ދަނޑު - ސީ.އެޗް.އެސް.އީ-މާލެ، މަޖީދިއްޔާ ސްކޫލް، ކަލާފާނު ސްކޫލް އަދި ޢިމާދުއްދީން ސްކޫލް
3. ޖުމްހޫރީ މައިދާން އަދި ސަލްޓަން ޕާކު - ސީ.އެޗް.އެސް.އީ -މާލެ، އިސްކަންދަރު ސްކޫލް، އަމީނިއްޔާ ސްކޫލް، ޢަރަބިއްޔާ ސްކޫލް، ދަރުމަވަންތަ ސްކޫލް އަދި ޖަމާލުއްދީން ސްކޫލް
4. ހުޅުމާލޭ ސެންޓްރަލް ޕާކު – ހުޅުމާލޭގެ ހުރިހާ ސްކޫލެއް
5. ވިލިމާލޭ މުޙްޔިއްދީން ސްކޫލް – މުޙްޔިއްދީން ސްކޫލް
މި ހުރިހާ ހަވީރެއްގައި ވެސް ތަފާތު އެކި ގޭމްތަކާއި ޙަރަކާތްތައް ރޭވިފައިވެއެވެ. އަދި އެ ޙަރަކާތްތްތަކާ ގުޅޭ މަޢުލޫމާތު ސްކޫލުތަކުގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ޙިއްޞާކުރަމުންގެންދާނެއެވެ.
މިއީ ކުޑަކުދީންނަށް އެ ކުދިންގެ ޢާއިލާ އާއެކު އުފާވެރި ވަގުތުތަކެއް ހޭދަކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަށްޓަކައި އެޑިޔުކޭޝަން މިނިސްޓްރީއާއި ސްކޫލުތައް ގުޅިގެން މިހާ ކުލަގަދަކޮށް ކުޑަކުދިންގެ ދުވަސް ފާހަގަކުރާ ފުރަތަމަ ފަހަރެވެ.
މާލޭ ސަރަޙައްދުގެ އިތުރުންވެސް އަތޮޅުތެރޭގެ ހުރިހާ ސްކޫލުތަކެއްގައި ވެސް މި ދުވަސް ފާހަގަކުރުމުގެ އެކި ޙަރަކާތްތައް ކުރިއަށް ގެންދިއުމަށްވަނީ ރާވާފައެވެ.