ޖެނެރޭޝަނަލް ބޭން ފާހަގަކުރުމަށް ބޭއްވި "ނޭޝަނަލް ޓޯޗް ރަން"ގައި މިނިސްޓްރީއިން ބައިވެރިވެއްޖެ

01 ނޮވެމްބަރު 2025

ދުންފަތުގެ ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުން ފާހަގަކުރުމަށްޓަކައި ކުރިއަށްގެންދާ 'ނޭޝަނަލް ޓޯޗް ރަން' ގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ބައިވެރިވެއްޖެއެވެ. މި ދުވުމުގައި މިނިސްޓްރީގެ ފަރާތުން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު އާއި މިނިސްޓްރީގެ ގިނަ އަދަދެއްގެ މުވައްޒަފުންގެ އިތުރުން ސްކޫލުތަކުގެ ދަރިވަރުންނާއި މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.

24 ގަޑިއިރަށް މާލޭ އެކުވެނި ޓްރެކުގައި ކުރިއަށްގެންދިޔަ ނޭޝަނަލް ޓޯޗް ރަންގައި 8000 އާ ގާތްކުރާ އަދަދެއްގެ މީހުން ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ދައުލަތުގެ ވަޒީރުންނާއި، އެތްލީޓުންނާއި، މިނިސްޓްރީތަކުގެ މުވައްޒަފުންނާއި, ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ގިނަ އަދަދެއްގެ މުވައްޒަފުން ހިމެނެއެވެ. 

ނެޝެނަލް ޓޯޗް ރަންއަކީ، ޞީއްޙީ ވުޒާރާއިން އިސްނަގައިގެން ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާއާއި، ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއާއި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިޔުއެޗްއޯ އަދި ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގެ ބައިވެރިވުމާއެކު ކުރިއަށްގެންދިޔަ ޚާއްސަ ހަރަކާތެކެވެ.

"ޖެނެރޭޝަނަލް ބޭން" އާ ގުޅޭ ގޮތުން ޕީއެސްއެމް ނިއުސް އިން ކުރިއަށް ގެންދިޔަ ޚާއްޞަ ޓެލެތޯންގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ ދުންފަތާ ދެކޮޅަށް ސަރުކާރުން އަޅާފައިވާ "ޖެނަރޭޝަނަލް ބޭން" އާ އެކު ދިވެހިރާއްޖެ ދުނިޔޭގައިވެސް ނަމޫނާ ޤައުމަކަށްވެފައިވާއިރު، މިއީ ދިވެހިން ފަޚުރުވެރިވާން ޖެހޭ ކަމެއް ކަމަށެވެ. 

"ޖެނެރޭޝަނަލް ބޭން އޮން ޓޮބޭކޯ" އަކީ ވަކި އަހަރަކުން ފެށިގެން އުފަންވެފައިވާ ކޮންމެ މީހަކީ މުޅި އުމުރަށްވެސް ދުންފަތުން ރައްކާތެރިކުރެވިފައިވާ ފަރާތެއްކަން ކަށަވަރުކުރުމަށް، އެ ފަރާތްތަކަށް އެއްވެސް ގޮތަކަށް ދުންފަތުގެ މުއާމަލާތެއްގައި ބައިވެރިވުން ގާނޫނަކުން މަނާކުރުމެވެ. މި ޤާނޫނު ތަންފީޒުކުރަން ފެށުމާއެކު 1 ޖެނުއަރީ 2007އިން ފެށިގެން އުފަންވެފައިވާ ފަރާތްތައް ދުންފަތުގެ އިސްތިއުމާލުކުރުމަކީ މަނާކަމެކެވެ. އަދި އެއުމުރުގެ އެއްވެސް މީހަކަށް ދުންފަތުގެ ބާވަތެއް ވިއްކުމަކީވެސް މަނާކަމެކެވެ.