"ޖެނެރޭޝަނަލް ބޭން" ފާހަގަކުރުމަށް ތަޢުލީމީ ވުޒާރާއިން ޚާއްޞަ ކުޑަކުދިންގެ ހަވީރެއް ބާއްވައިފި

01 ނޮވެމްބަރު 2025

ދުންފަތުން ރައްކާތެރި ޖީލެއް ބިނާކުރުމުގެ ސިޔާސަތު "ޖެނެރޭޝަނަލް ބޭން" ތަންފީޒުކުރުން ފާހަގަކުރުމަށްޓަކައި ތަޢުލީމީ ވުޒާރާއިން އިސްނަގައިގެން ޚާއްޞަ ކުޑަކުދިންގެ ހަވީރެއް ބާއްވައިފިއެވެ.

ތަޢުލީމީ ވުޒާރާާއާއި ހުޅުމާލޭ ސްކޫލުތައް ގުޅިގެން ކުރިއަށްގެންދިޔަ މި ކުޑަކުދިންގެ ހަވީރުގައި އެކި އުމުރުފުރާގެ ކުދިންނަށް ޚާއްސަކޮށްގެން ތަފާތު ސްޓޯލްތައް ބަހައްޓާފައިވެއެވެ. އަދި ޚާއްސަކޮށް "ޖެނެރޭޝަނަލް ބޭން" އާއި ދުންފަތުގެ އިސްތިއުމާލު ކުރުމުން ލިބޭ ގެއްލުންތަކަށް ހޭލުންތެރިކުރުވުމާ ގުޅޭ މަޢުލޫމާތު ޙިއްޞާކުރުމުގެ އިތުރުން އެކި ކަހަލަ ކުޅިވަރުތަކަށް ޚާއްޞަ ސްޓޯލްތައް ވެސް ހުއްޓެވެ.  

މި ހަވީރަށް ޒިޔާރަތް ކުރައްވާ, ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ މިއީ "ޖެނެރޭޝަނަލް ބޭން" ތަންފީޒުކުރުމާ ގުޅިގެން އާންމުން ހޭލުންތެރިކުރުމަށް ކުރިއަށް ގެންދިޔަ ހަވީރެއްކަމަށާއި، ޒުވާނުންނާއި ހެދިބޮޑުވަމުން އަންނަ ކުދިން ދުންފަތުން ސަލާމަތްކުރުމަށް ދުޅަހެޔޮ ޖީލެއްބިނާކުރުމުގެ ވަރަށް ބޮޑު އަޒުމެއް މިކަމުގެ ސަބަބުން އާކުރެވިގެން ދިޔަކަމަށެވެ. އަދި މިފަދަ ކަމެއް ކާމިޔާބު ކުރެވޭނީ އެންމެން ގުޅިގެން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"ޖެނެރޭޝަނަލް ބޭން" ތަންފީޒުކުރުން ފާހަގަކުރުމަށް މިނިސްޓްރީއިން ބޭއްވި މި ކުޑަކުދިންގެ ހަވީރުގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައެވެ. އަދި މި ހަވީރުގެ އެކި ޙަރަކާތްތަކަށް އާންމުގެ ބޮޑު ތަރުހީބެއް ލިބިގެންދިޔަކަން ވެސް ފާހަގަކުރެވެއެވެ.