2026 ވަނަ އަހަރުގެ ބައިނަލްއަޤްވާމީ މުދައްރިސުންގެ ދުވަސް ފާހަގަކުރުމަށްޓަކައި ހާއްސަ ޕޮލިސީ ޑައިލޮގެއް ބާއްވައިފިއެވެ.
މި ޕޮލިސީ ޑައިލޮގް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. އިސްމާޢީލް ޝަފީޢު، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މަޙްމޫދު ޝައުޤީ އަދިޔުނިސެފްގެ ކަންޓްރީ ރެޕްރެޒެންޓޭޓިވް ޑރ. އެޑްވާޑް އަޑައި ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ޕޮލިސީ ޑައިލޮގް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ ރާއްޖޭގެ ތަޢުލީމީ ދާއިރާ އިތުރު ހަރުފަތްތަކަށް ގެންދަންޖެހޭ ކަމަށާއި، ޕޮލިސީ ލެވެލްގައި އެކަން ކުރުމަށް މުދައްރިސުންނާއި ޕްރިންސިޕަލުންނާއި ދަރިވަރުން އަދި ޕޮލިސީ ހަދާ ފަރާތްތައް ގުޅިގެން މަޝްވަރާކުރުން މުހިންމު ކަމަށެވެ.
މުދައްރިސުންގެ ދުވަސް ފާހަގަކުރުމަށްޓަކައި ކުރިއަށްގެންދާ ސިލްސިލާ ހަރަކާތްތަކުގެ ތެރެއިން ބޭއްވުނު މި ޕޮލިސީ ޑައިލޮގަކީ މުދައްރިސްކަން ކިޔަވަމުންދާ ދަރިވަރުންނާއި، ތަޢުލީމީ ދާއިރާގެ ސިޔާސަތުތައް އެކުލަވާލާ ފަރާތްތައް އެއްތާކުން ބައްދަލުވެ ތަޢުލީމީ ދާއިރާއާ ގުޅޭ މަޝްވަރާތަކެއް ކުރުމަށް ބޭއްވި ޙަރަކާތެކެވެ.
އަދި ތައުލީމީ ދާއިރާ ހަރުދަނާކުރުމަށްޓަކައި މި ދާއިރާގެ ސްޓޭކްހޯލްޑަރުންނާ އެކު ޓީޗަރ ރެކްރޫޓްމަންޓާއި، ޓިޗަރ ޓްރެއިނިންގ އާ ގުޅޭގޮތުން ވަނީ މަޝްވަރާކުރެވިފައެވެ. މީގެ އިތުރުން ބަވަނަވަމުންދާ ދުނިޔޭގައި އާ ޖީލުގެ ކުދިންނަށް ކިޔަވަދިނުމުގައި ހުރި ގޮންޖެހުންތަކާއި، އެގޮންޖެހުންތައް ހައްލުކުރާނެ ގޮތްތަކާއި، ކިޔަވައިދިނުމުގެ ވައްޓަފާޅިއަށް ގެންނަންޖެހޭބަދަލުތަކާ ގުޅޭ ގޮތުން މި ޕޮލިސީ ޑައިލޮގްގައި ވަނީ މަޝްވަރާކޮށްފައެވެ.
މިފަދަ ޕޮލިސީ ޑައިލޮގެއްގެ މަގުސަދަކީ މުދައްރިސުންނާއި މުދައްރިސްކަން ކިޔަވަމުންދާ ދަރިވަރުންގެ ޚިޔާލާއި މަޝްވަރާގެ މައްޗަށް ބިނާކޮށް ތަޢުލީމީ ސިޔާސަތުތައް އެކުލަވާލުމެވެ. އަދި ތަޢުލީމީ ދާއިރާ ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތުގައި މުދައްރިސުންގެ ދެކޭގޮތް ބަލާ، އެކަމަށް އިސްކަންދިނުމެވެ.
މި ޕޮލިސީ ޑައިލޮގްގައި ޕްރިންސިޕަލުންނާއި، މުދައްރިސުންނާއި، މުދައްރިސުން ތަމްރީނު ކުރުމުގެ ގައުމީ ޕްރޮގްރާމްގައި ބައިވެރިވެފައިވާ ދަރިވަރުންނާއި، ޔުނިވަރސިޓީތަކުގައި މުދައްރިސްކަން ކިޔަވާ ސްޓޫޑެންޓް ޓީޗަރުންނާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަން އަދި ޔުނިވަރސިޓީތަކުން ބައިވެރިވިއެވެ.
މިއީ މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އާއި ޔުނިސެފާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ގުޅިގެން ބޭއްވި ޕޮލިސީ ޑައިލޮގެކެވެ.